އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 500 މިލިޔަން ރުފިޔާ ވަނީ ހާއްސަކުރެވިފަ: ރައީސް

އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 500 މިލިޔަން ރުފިޔާ ވަނީ ހާއްސަކުރެވިފަ: ރައީސް

Author
މުޙައްމަދު ޝަޒައިމް
21 ފެބްރުއަރީ 2021 11:42
0

އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 500 މިލިޔަން ރުފިޔާ ވަނީ ހާއްސަކުރެވިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގެ ކެންޕެއިންގައި އަތޮޅު ތެރޭގެ އެމްޑީޕީ މެމްބަރުންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ތަންފީޒު ކޮށްދެވުނު މިންވަރު ހާމަކޮށްދޭން ރޭ ބޭއްވި ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ފެށިގެންދާނެކަމަށެވެ.

މިމަޝްރޫޢުގެ ތެރެއިން އަތޮޅު ތެރޭގެ ރަށްތަކަށް އަމާޒުކޮށްގެން 500 މިލިޔަން ރުފިޔާގެ މަޝްރޫޢު ހާއްސަ ކުރެވިފައިވާކަމަށާއި، މިމަސައްކަތް ވަރަށް އަވަހަށް ފެއްޓިގެންދާނެކަމަށެވެ. ނަމަވެސް މި ކަމުގެ ތަފްސީލެއް ރޭ ރައީސް ދެއްވާފައި ނުވެއެވެ.

ރައީސް ޞާލިހު މިހެންވިދާޅުވެފައިވާއިރު އިއްޔެވަނީ އިންޑިއާގެ ލޯނު އެހީގައި ހުޅުމަލޭގައި ކުރިއަށްގެންދާ 2000 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް ލޯނު އެއްބަސްވުމުގައި ވެސް ސޮއިކޮށްފައެވެ. މި މަޝްރޫޢުގެދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 2ކޮޓަރިއާއި 3ކޮޓަރީގެ ހައުސިންގ ޔުނިޓްތަކެވެ. އެއީ 3ކޮޓަރިއާ 3 ފާޚާނާ ހިމެނޭ 1400ހައުސިންގ ޔުނިޓާއި 2ކޮޓަރިއާ 2 ފާޚާނާ ހިމެނޭ 600 ހައުސިންގ ޔުނިޓެވެ.

މާލެ ސަރަޙައްދުގައި މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވިދާޅުވެފައެވެ. މާލޭގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދައިދިނުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން 1000 ހައުސިން ޔުނިޓްގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި އަލަށް ފެށުމަށް ހަމަޖެހިފައިވާ 2000ހައުސިންގ ޔުނިޓްގެ މަސައްކަތް މެއިމަހު ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.