އެތުލެޓިކޯ ބަލިވެ ރެއާލް ފަރަގު ކުޑަކޮށްފި

އެތުލެޓިކޯ ބަލިވެ ރެއާލް ފަރަގު ކުޑަކޮށްފި

Author
މުޙައްމަދު ޝަޒައިމް
21 ފެބްރުއަރީ 2021 10:56
0

ސްޕެނިޝް ލަލީގާގައި މިވަގުތު އެއްވަނައިގަ އޮތް އެތުލެޓިކޯ މެޑްރިޑް ބަލިވެ ތާވަލުގެ ދެވަނާގަވާ ރެއާލް މެޑްރިޑް މޮޅުވުން ދެޓީމުގެ ދެމެދުގަވާ ފަރަގު ތިންޕޮއިންޓާ ކައިރިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ އެތުލެޓިކޯ ބަލިވީ 2-0 ލަނޑުންނެވެ. ލެވަންޓޭއިން މެޗުގައި ލަނޑުތައް ކާމިޔާބުކުރީ ޖޯސް ލުއިސް މޮރަލެސްގެ އިތުރުން ޖޯޖް ދި ފުރުޓޯސްއެވެ. މެޗުގައި އެތުލެޓިކޯއިން ވަނީ 28 ހަމަލާއެއް ލެވަންޓޭގެ ގޯލަށް ފޮނުވާލާފައެވެ. މެޗުގައި ލެވަންޓޭގެ ކީޕަރު ޑެނީ ކާޑެނަސް ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. މިއީ ލީގުގައި އެތުލެޓިކޯ އަތުން ލެވަންޓޭއަށް ހޯދުނު ފުރަތަމަ މޮޅުއެވެ. މިއީ 2019 ވަނަ އަހަރު ޑިސެންބަރު މަހުގައި އެތުލެޓިކޯ މެޑްރިޑް އަމިއްލަ ދަނޑުގައި ބަލިވުމަށްފަހު ލީގުގައި އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރުއެވެ.

ރޭގައި ލީގު ދެވަނައިގަ އޮތް ރެއާލް މެޑްރިޑް ވަނީ އެތުލެޓިކޯ ބަލިވުމުގެ ފައިދާ ނަގާ އެޓީމާ ތިންޕޮއިންޓް ގާތައް ޖެހިލާފައެވެ. ރަށުން ބޭރުގައި ރެއާލް މެޑްރިޑް މޮޅުވީ ރެއާލް ވަލަޑޮލިޑް އަތުން 1-0 ލަނޑުންނެވެ. މެޗުގައި ޖެހި ހަމައެކަނި ލަނޑު ރެއާލްއަށް ކާމިޔާބުކޮށްދިނީ ކަސްމެރޯއެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކޮށްދިން ފަސްވަނަ ލަނޑެވެ.

މިނަތީޖާ އަކު ރެއާލްއަށް ވުރެ  އެއްމެޗު މަދުން ކުޅެގެން އެތުލެޓިކޯ އެއްވަނައިގަ އޮތީ 55 ޕޮއިންޓާއެކުއެވެ. ލީގުގެ ދެވަނައިގަ ރެއާލް މެޑްރިޑް އޮތީ 24 މެޗު ކުޅުގެން 52 ޕޮއިންޓާއެކުއެވެ. ތިންވަނައިގަ ބާސެލޯނާ އޮތީ 46 ޕޮއިންޓާއެކުއެވެ. ބާސެލޯނާއަށް ވުރެ އެއްޕޮއިންޓް މަދުން ހޯދައިގެން ސެއްވިޔާ ހަތަރުވަނާގައި އޮތީ 45 ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.