ހިޔާ މަޝްރޫޢުގައި ސަރުކާރުގެ ކުންފުނިތަކުން އަޅާ އެއްކޮޓަރީގެ ފުލެޓުތަކުގެ ތެރެއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެޅުމަށް ހަމަޖެހިފައިވާ 534 ފްލެޓްގެ ތެރެއިން އެ ކުންފުނިން އަޅާ ހިޔާގެ އެއްކޮޓަރީގެ 204 ފުލެޓު ވިޔަފާރި އުސޫލުން ވިއްކާލާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޕީއެލްގެ އިސް އޮފިޝަލަކު "ވޮއިސް" އަށް ވިދާޅުވީ ހިޔާގެ އެއްކޮޓަރިއަށް ކުރީ ސަރުކާރުން ޚާއްޞަކޮށްފައިވާ 204 ފުލެޓު މި ސަރުކާރުން ގެނައި ޕޮލިސީ ބަދަލަކާއެކު ވަނީ ވިއްކާލާފައިކަމަށެވެ. މިބަދަލަކީ ސަރުކާރުގެ ޕޮލިސީ ލެވެލްގައި އައި ބަދަލާއިއެކު ގެނުވުނު ބަދަލެއްކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިން އެ ފްލެޓްތަކަކީ ހިޔާގެ އަލަތު ކައިވެނި، ދަފުތަރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މާލެ ރަށްވެހިންނަށް ޚާއްޞަ ކުރެވިފައިވާ ފުލެޓުތައް ކަމަށާއި، ނަމަވެސް ރައީސް ޞާލިޙް ވެރިކަމާއި ހަވާލުވެ އުފައްދަވާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ވަނީ ސަރުކާރު ކުންފުނިތަކުން އަޅާ ހިޔާ ފުލެޓުތައް ބަދަލުކޮށްފައި ކަމަށެވެ. އަދި ހިޔާގެ ހުރިހާ އެއްކޮޓަރީގެ ފުލެޓު ކުރިން ސަރުކާރުން ނަގަން އޮތް އޮތުން ބަދަލުކޮށް ސަރުކާރުން ނަގައި އެ ފުލެޓުތައް ވިއްކުމަށް މިހާރު ނިންމާފައިވާކަމަށެވެ.
ހައުސިންގ މިނިސްޓްރީއިން އިޢުލާނުގައި ބުނެފައިވަނީ އެއް ކޮޓަރީގެ ފުލެޓުތައް ސަރުކާރު ކުންފުނިތަކުގެ ފުލެޓުތަކުން ދޫކުރާގޮތަށް 2018ވަނަ އަހަރު ހަމަޖައްސާފައިވާ ނަމަވެސް މިހާރު ގަންނަން ލިބުނީ އެންމެ 36 ފުލެޓް ކަމަށެވެ. ސަރުކާރުގެ މިނިންމުމާއިއެކު ރައީސް ޔާމީންގެ ވެރިކަމުގައި ފްލެޓް ލިބުނު މީހުންގެ ތެރެއިން 1،585 މީހެއްގެ ފްލެޓް ވަނީ ގެއްލިފައެވެ.
1 ކޮޓަރީގެ ފުލެޓުތަކާއި ގުޅޭގޮތުން މިނިސްޓަރ އަސްލަމް 2020ވަނަ އަހަރުގެ ޖުލައި މަހުގެ 7ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނެފައިވަނީ 1 ކޮޓަރީގެ އެއްވެސް ފުލެޓެއް އަޅާފައި ނެތްކަމަށެވެ. ނަމަވެސް އޭރުވެސް ހުޅުމާލޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެއްބައި ފުލެޓުތަކުގެ ސްޓްރަކްޗަރވަނީ ނިމިފައެވެ. އާންމު ބައެއް ފަރާތްތަކުންވަނީ އެ އިމާރާތްތަކުގެ ފޮޓޯތައް އެދުވަހު މީސްމީޑިއާގައި ހިއްސާކޮށްފައެވެ.
ހިޔާ ފްލެޓްތައް ދިނުމުގައި ސަރުކާރުން އަަމަލުކޮށްފައިވާ ގޮތަށް ގިނަ ރައްޔިތުންގެ ފާޑުކިޔުން އަމާުވެފައިވާއިރު، ފްލެޓްތައް އޭގެ ހައްގުވެރިންނަށް ނުލިބިވާކަމުގެ ޝަކުވާ ވަނި ބޮޑުވެފައެވެ. އަދި މިހާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަށްވެސް ފްލެޓް ފަހިނުވާނެ ގޮތަކަށް އުސޫލުތަކަށް ގެންނަމުންދާ ބަދަލަކީ ވަކި މަންފާއެއް ހާސިލް ކުރުމަށް ގެންނަމުންދާ ބަދަލުތަކެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ