ފުވައްމުލަކު ސިޓީގައި ކޯވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް އަޅަފައިވާ ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.
ފުވައްމުލަކުގައި އިއުލާންކޮށްފައިވާ ކާފިއުގެ ފިޔަވަޅުތައް ހަމަވަނީ މިރޭގެ12:00 އަށެވެ.
ފުވައްމުލަކުގައި ރޭގަނޑު 8 ކުން ފަތިހު 4 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އަދި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލަންވެސް ވަނީ އަންގާފައެވެ. މާދަމާއިން ފެށިގެން އަމަލުކުރަން ޖެހޭ ގިނަ ފިޔަވަޅުތަކެއް ވަނީ އާންމުކޮށްފައެވެ.
އެގޮތުން އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން މަނާކޮށް ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދު ކުރަން ވަނީ އަންގާފައެވެ. ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް އަދި ޔުނިވާސިޓީތަކާއި ކޮލެޖް، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުންވެސް ވަނީ ހުއްޓާލާފައެވެ. ހޮޓާ/ކެފޭ، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށްވެސް އަންގާފައިވެއެވެ.
ފުވައްމުލަކުން މިހާތަނަށް 28 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަތޮޅު ތެރޭގައިވެސް ވަރުގަދަ ކުރަމުންދާއިރު، ރާއްޖޭގައި މިހާރު އޮތް ހާލަތުން މިއީ ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތުކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ