"ދޮގު ހެކި ބަސްދޭ" ފުލުހުން ކޮށާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހައްޔަރު ކޮށްފައި ވަނީ ގއ. ކޮލަމާފުށި، އަރާކުރި، އުމުރުން 51 އަހަރުގެ އަބްދުއްސަމަދެވެ. އޭނާ ހައްޔަރު ކުރީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ޗެނަލް 13 އިން ގެނެސްދިން ލައިވް އިންޓަވިއުއެއްގައި ފުލުހުންތަކަކަށް ނިސްބަތްކޮށް "އެ ފުލުހުންތައް ކޮށާލާނެ" ކަމަށް ބުނެ އިންޒާރުދިން މައްސަލައިގައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ހެކި ފޮރުވައި ނުވަތަ ހެކި ނައްތައިލުމަށް މަސައްކަތްކޮށްފާނެ ކަމަށްބުނެއެވެ.
ފުލުހުން ބުނީ ފުލުހުންނަށް ހެކިބަސްދޭ މީހުންނަށް އިންޒާރުދީ، ބިރުދެއްކި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 51 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ ހައްޔަރުކޮށްފައިވާކަމަށެވެ.
އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރެއް ފުލުހުންނަށް އިންޒާރު ދީގެން ހައްޔަރުކޮށްފައިވާއިރު، އިދިކޮޅު ކޯލިޝަނުން އަންނަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތައް ބާއްވަމުންނެވެ.
ކޮމެންޓު ފޮނުވާ