ލަންކާގެ ޔުނިވާސިޓީން ޑރ.ޒަހާ ހޯދި ކާމިޔާބީއަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

ލަންކާގެ ޔުނިވާސިޓީން ޑރ.ޒަހާ ހޯދި ކާމިޔާބީއަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

Author
މުޙައްމަދު ޖިމީ
19 ފެބްރުއަރީ 2021 08:02
0

ސްރީލަންކާގެ ޔުނިވަރސިޓީއަކުން އެމް.ބީ.ބީ.އެސް ޕްރޮގްރާމްގެ އެންމެ މޮޅު ދަރިވަރުގެ މަޤާމު ހޯދި ދިވެހި ދަރިވަރު، ޑރ. އާމިނަތު ޒަހާ ޒުހައިރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުހަބާ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫ، ހޭޅި، ޑރ.އާމިނަތު ޒަހާ ޒުހައިރު ވަނީ ސްރީލަންކާގެ ކޮތެލަވާލެ ޑިފެންސް ޔުނިވަރސިޓީގެ އެމް.ބީ.ބީ.އެސް މުޅި މެޑިކަލް ޕްރޮގްރާމުން 3 ދާއިރާއަކުން މުޅި ޔުނިވަރސިޓީން އެއްވަނަވެސް ޙާސިލުކޮށްފައެވެ. މިމަޤާމު ޙާޞިލްކުރުމާއެކު ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އަތްޕުޅުން ޑރ.އާމިނަތު ޒަހާއަށް ވަނީ ރަން މެޑަލް ދެއްވާފައެވެ.

ޑރ.ޒަހާއަށް މަރުހަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. އާމިނަތު ޒަހާ ހޯދި އާދަޔާ ޚިލާފު ކާމިޔާބީއަކީ މުޅި ރާއްޖެ ފަޚުރުވެރިވާފަދަ ކާމިޔާބީއެއްކަމަށެވެ. އަދ ރައީސް ވަނީ  ޑރ. އާމިނަތު ޒަހާއަށް އުޖާލާ މުސްތަޤުބަލަކަށް އެދިވަޑައިގެންފައެވެ.

ސްރީލަންކާގެ އަސްކަރީ ޔުނިވަރސިޓީއެއްކަމަށްވާ ކޮތެލަވާލެ ޑިފެންސް ޔުނިވަރސިޓީގެ އެމް.ބީ.ބީ.އެސް ޕްރޮގްރާމުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމު ދިވެހި ދަރިވަރު ޑރ. އާމިނަތު ޒަހާ ހޯދި ކާމިޔާބީއަކީ ފުރަތަމަ ފަހަރަށް ދިވެހި ދަރިވަރަކު މިޔުނިވަރ ސިޓީންވެސް އަދި ސްރީ ލަންކާގެ ތަޢުލީމީ މުއައްސަސާއަކުންވެސް ހޯދި އެންމެ މަތީ ޝަރަފެވެ. މިއީ ކޮތެލަވާލެ ޑިފެންސް ޔުނިވަރސިޓީގެ މިފަދަ ޝަރަފެއް ސްރީ ލަންކާއިން ބޭރު ޤައުމެއްގެ ދަރިވަރަކު ހޯދި ފުރަތަމަ ފަހަރުވެސްމެއެވެ.


ޑރ.އާމިނަތު ޒަހާ ޒުހައިރަށް ސްރީލަންކާގެ ރައިސް ގޮތަބަޔާ ރާޖަޕަކްސެ މިޝަރަފު ޙަވާލުކޮށްދެއްވުމަކީ ތާރީޚީ ޝަރަފެކެވެ. ސްރީ ލަންކާގައި ދިވެހި ދަރިވަރުން އެކި ރޮނގުރޮނގުން ތަޢުލީމު ޙާޞިލްކުރަމުންދާތާ އެތައް ޒަމާނެއް ވެއްޖެއެވެ. ރައީސް ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގެ ދުވަސްވަރުންފެށިގެން ދިވެހި ދަރިވަރުން ސްރީ ލަންކާގެ އެކި ޔުނިވަރސިޓީތަކުގައި ތަޢުލީމް ޙާސިލްކުރަމުން އާދެއެވެ. އެހެންނަމަވެސް މިއީ މިފަދަ ޝަރަފުވެރި ވަނައެއް ދިވެހި ދަރިވަރަކަށް ލިބިގެން ސްރީ ލަންކާގެ ރައިސެއްގެ އަތްޕުޅުން އިނާމު ލިބިގެންދިޔަ ފުރަތަމަ ފަހަރުކަމަށް މަޢުލޫމާތުލިބެއެވެ.

ޑރ.އާމިނަތު ޒަހާ ވަނީ މެޑިސިން ޕްރޮގްރާމްގައި ހިމެނޭ 3 ދާއިރާއަކުން މުޅި ޔުނިވަރސިޓީންވެސް އެއްވަނަ ޙާސިލުކޮށްފައެވެ. ކޮތެލަވާލެ ޑިފެންސް ޔުނިވަރސިޓީގެ އެމްބީބީއެސް ޕްރޮގްރާމުގެ ފައިނަލް އަހަރު ނުވަތަ ތިންވަނަ އިމްތިޙާނުން ޑރ.ޒަހާ އެއްވަނަ ހޯދަފައިވާއިރު މައިކްރޯބައިލޮޖީއާއި ފާރމަކޮލޮޖީންވެސް އޭނާވަނީ އެއްވަނަ ޙާސިލުކޮށްފައެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.