ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލަނީ އަންނަ މަހުގެ 2 ގައި!

ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލަނީ އަންނަ މަހުގެ 2 ގައި!

Author
މުޙައްމަދު ޖިމީ
19 ފެބްރުއަރީ 2021 03:53
0

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލާ މީހުންނަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ އަންނަ މަހުގެ ދެވަނަ ދުވަހުކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ އަންނަ މަހުގެ ދެވަނަ ދުވަހުކަމަށް ޝަރީފް ވިދާޅުވެފައިވަނީ، އެކަމާއި ގުޅޭގޮތުން ޢާންމުންގެ މީހަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރަށްވެހި ވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓްލުމަށް ރަޖިސްޓްރީވުމަށް ހުޅުވަލާނީ އަންނަ މަހުގެ ދެވަނަ ދުވަހުކަމަށް ޝަރީފް ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓިގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3،934 ކެނޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ. މިއީ މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުޞަތުގައި ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓަށް ފަހު އިންތިޚާބުގައި ވާދަކުރާނެ ފައިނަލް ކެނޑިޑޭޓުންގެ ޢަދަދުކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އީސީގެ ރައީސް ޝަރީފް ވިދާޅުވެފައިވަނީ، ދެން ނަން އަނބުރާ ގެންދިއުމަށް ބޭނުންވާ ކެނޑިޑޭޓުން ނަން އަނބުރާ ގެންދިޔަ ނަމަވެސް ވޯޓް ކަރުދާހުގައި އެ ކެނޑިޑޭޓެއްގެ ނަން އޮންނާނެކަމަށެވެ. ޝަރީފް ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބު ބައްވާއިރު، ބަހައްޓާނެ ވޯޓް ފޮށީގެ ޢަދަދުވެސް އިތުރުވެފައިވާކަމަށެވެ. އެގޮތުން ކުރިން އިންތިޚާބުގައި ބަހައްޓަން ނިންމީ532 ވޯޓް ފޮށިކަމަށެވެ. ނަމަވެސް މިހާރު އެ ޢަދަދު އިތުރުވެ 735 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ވޯޓްލާ މަރުކަޒުތަކުގައި 10،000 ވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށާއި، އެހާ ގިނަ ޢަދަދެއްގެ އޮފިޝަލުން ބައިތިއްބަން ނިންމީ އެޗްޕީއޭގެ އުސޫލާއި އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދިއުމަށްކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އޭޕްރީލް މަހުގެ10 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.