ކޯވިޑުން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިން ދިން މީހަކު ނިޔާވެފައިވާތީ އެކަން ތަހުގީގްކުރަން ފަށައިފިއެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވަނިކޮށް މިއަދު ނިޔާވެފައިވަނީ ޢުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ގދ.ގައްދޫއަށް ނިސްބަތްވާ އެމީހާއަށް ވެކްސިން ދީފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ. ނިޔާވެފައިވަނީ ގދ.ގައްދޫ ގްރީންގޭ އަލީ އިބްރާހިމް (ދަޑު އަލިބެ) އެވެ. އަލިބެއަކީ ގިނަ ދުވަސްތަކެއް ވަންދެން ބަލި ހާލަތުގައި އެދުމަތިވެ ފަރުވާ ހޯދަމުންދިޔަ މީހެކެވެ. އަދި ތަފާތު އެކި ބަލިތަކަށް އަލިބެ ވަނީ ފަރުވާ ހޯދާފައެވެ. ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ނިޔާވި ޢުމުރުން 93 އަހަރުގެ އެ މީހާއަކީ ދިގުމުއްދަތަަކށް ފަރުވާ ހޯދަންޖެހޭ ގިނަ ބަލިތަކަކަށް ފަރުވާ ހޯދަމުން އަންނަ މީހެއްކަމަށެވެ. އަދި ދާންމަތީގައި އޮންނަތާވެސް10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމަށް އެޗްއީއޯސީން ބުންޏެވެ.
އެޗްއީއޯސީން ބުނީ ވެކްސިން ދޭ މީހުންގެ ކަންކަން މޮނިޓަރކުރާ ޕްރޮޓޮކޯލް ފުރިހަމަކުރަމުން ގެންދާނެކަމަށާއި، އެގޮތުން ވެކްސިން ދިންފަހުން ނިޔާވެފައިވާ އެމީގެ ކަންކަންވެސް ތަހުގީގްކުރަން ނިންމާފައިވާކަމަށެވެ. އަދި އެއަށްފަހު އިތުރު ތަފްސީލް ހާމަކުރާނެކަމަށް އެޗްއީއޯސީން ބުންޏެވެ.
އަލިބެގެ މައްޗަށް ކުރާ ކަޝްނަމާދު ކުރަން ހަމަޖެހިފައިވަނީ މިއަދު އަސްރުނަމާދަށްފަހު ގައްދޫ ހުކުރު މިސްކިތުގައެވެ.
ޚަބަރު އޮނަލްއިންގެ ފަރާތުން މަރުހޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި، އާއިލާއަށް ތައުޒިޔާ ދަންނަވަމެވެ.
ކޮމެންޓު ފޮނުވާ