އިންޑިއާގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރަނީ

އިންޑިއާގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރަނީ

Author
މުޙައްމަދު ޖިމީ
19 ފެބްރުއަރީ 2021 02:09
0

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖެއިޝަންކަރ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މުހިންމު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ.

އިންޑިއާގެ ޚަރިޖީ ވަޒީރު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ދެ ދުވަހުގެ ދަތުރުފުޅެއްގައި މާދަމާގެ ވަގުތެއްގައެވެ. މިއީ މި އަހަރުގެ ފުރަތަމަ ހައި-ލެވެލް ބައިލެޓަރަލް ޒިޔާރަތެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ ބައިލެޓަރަލް ގުޅުމުގެ މިސްރާބު ކަނޑައެޅިގެންދާނީ މިދަތުރުގެ ތެރެއިންކަމަށް ހައިކޮމިޝަނުން ބުނެއެވެ.

13 އޮގަސްޓް 2020 ގައި އިންޑިއާގެ ޚަރިޖީ ވަޒީރު ޑރ. އެސް. ޖެއިޝަންކަރ އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ މެދުގައި ބޭއްވުނު ޑިޖިޓަލް ވިޑިއޯ ކޮންފަރެންސް (ޑީ.ވީ.ސީ) ބޭއްވުނުތާ 6 މަސް ދުވަހުގެ ތެރޭގައި، އެ ބައްދަލުވުމުގައި އިއުލާނުކުރެވުނު އެންމެހާ ކަންތައް ތަންފީޒުކުރެވިފައިވާކަަން ހައިކޮމިޝަނުން ފާހަގަކުރައްވައެވެ. ޑީ.ވީ.ސީ ބޭއްވުނުތާ މާގިނަދުވަސްތަކެއް ނުވަނީސް އިންޑިއާއިން ވަނީ ބަޖެޓް ސަޕޯޓްގެ ގޮތުގައި ދިވެހިރާއްޖެއަށް 250 މިލިއަން ޑޮލަރުގެ މާލީ އެހީފޯރުކޮށްދީފައިކަންވެސް ހައިކޮމިޝަނުން ފާހަގަކުރެއެވެ.

އަދި ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.ސީ.އެމް.ޕީ) ފައިނޭންސް ކުރުމަށްޓަކައި 400 މިލިއަން ޑޮލަރުގެ ލައިން.އޮފް.ކްރެޑިޓް އަކާއި 100 މިލިއަން ޑޮލަރުގެ ގްރާންޓް އެހީގެ އެއްބަސްވުމެއްގައި  ސޮއިކޮށްފައިވާއިރު، އިންޑިއާ އާއި ދިވެހިރާއްޖޭގެ ދެމެދު 'ޑައިރެކްޓް ކާގޯ ފެރީ ސާވިސް' ސެޕްޓެމްބަރ 2020 ގައި ގާއިމް ކުރެވި، މިހާތަނަށް 7 ދަތުރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި ހަމަ އެހެންމެ، އޮގަސްޓް 2020 ގައި ދެގައުމުގެ މެދުގައި ގާއިމްކުރެވުނު އެއާ ޓްރެވަލް ބަބަލް ގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 2020 ވަނަ އަހަރުގެ ޓޮޕް ސޯސް މާކެޓްގެ މަގާމު އިންޑީއާއަށް ލިބި، ދިވެހިރާއްޖޭގެ އިގްތިސާދު ހަރުދަނާވެގެންދިއުމަށް މަގުފަހިވެފައިވާކަމަށާއި، އިންޑިއާއިން ދިވެހިރާއްޖެއަށް އެކްސްޕޯކްޓް ކުރާ ޒަރޫރީ ކޮމޯޑިޓީތަކުގެ ކޯޓާ 15% އިތުރުކުރެވުނުކަމަށް ހައިކޮމިޝަނުން ބުންޏެވެ.

އިންޑިއާގެ ޚަރިޖީ ވަޒީރުގެ މިދަތުރުފުޅުގައި އެމަނިކުފާނު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އާއި ރައްޔިތުންގެ މަޖްލިސްގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ކެބިނެޓްގެ އެހެނިހެން މިނިސްޓަރުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެ ލީޑަރުންނާއިވެސް ބއްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މި ދަތުރުފުޅުގެ ތެރޭގައި މަސްވެރިކަމާ، ދެމެހެއްޓެނިވި ގޮތުގައި ރަށްފުށުގެ ތަރައްގީ ކުރިއެރުވުމާއި، މީޑިއާ ކޯޕަރޭޝަން، މީހުން ބިނާކުރުން، އަދި ހައުސިން، މަގުތައް ތަރައްގީކުރުން އަދި ކުޅިވަރު ތަރައްގީކުރުން ފަދަ ދާއިރާތަކުން މަޝްރޫއުތައް ފައިނޭންސް ކުރުމާއި ގުޅޭ އެތައް އެގްރީމެންޓެއްގައި ދެގައުމުގެ ފަރާތުން ސޮއި ކުރެވޭނެކަމަށްވެސް ހައިކޮމިޝަނުން ބުންޏެވެ. އަދި އިންޑިއާގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްހޭގައި ކުރިއަށް ގެންދެވޭ ބައެއް ކޮމިއުނިޓީ-ލެވެލް މަޝްރޫއުތައް މިނިސްޓަރ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާނެކަމަށްވެސް ހައިކޮމިޝަނުން ބުންޏެވެ.

2020 ވަނަ އަހަރުގެ ތެރޭގައި އިންޑިއާއިން ވަނީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެގައުމުން ގިނަ އެޙިތަކެއް ފޯރުކޮށްދީފައިވެއެވެ. އެގޮތުން އިންޑިއާއިން އެންމެ ފުރަތަމަ، އެގައުމުގައި އުފެއްދުނު ކޮވިޑް-19 ވެކްސިން ހަދިޔާކުރި ގައުމަކީ ދިވެހިރާއްޖެއެވެ. އެގޮތުން ޖަނަވަރީ 20، 2021 ގައި ރާއްޖެއަށް ވެކްސިންގެ 100،000 ޑޯޒް ވަނީ ފޯރުކޮށްދެވިފައެވެ. އަދި މިބަލިމަޑުކަމުން އަރައިގަނެ ރިކަވަރީއާއި ދިމާލަށް ދިވެހިރާއްޖެ މިސްރާބުޖަހާފައިމިވާ ދަނޑިވަޅުގައި، އިންޑިއާއިން ދިވެހިރާއްޖެއަށް އެހީތެރިވުމުގައި ދެމިއޮންނާނެއެވެ. 1988، 2004 އަދި 2014 ވަނަ އަހަރު ފަދައިން، އަނެއްކާވެސް، އިންޑިއާއާއި ދިވެހިރާއްޖޭގެ މެދުގައި ވާ ގާތް ގުޅުން މިވަނީ ކާރިސާއަކުން އެކުގައި އަރައިގަތުމުގެ ތެރޭގައި އިތުރަށް ބަދަހިވެ، ވަރުގަދަވެފައެވެ.

އިންޑިއާގެ ޚަރިޖީ ވަޒީރު ޑރ. އެސް. ޖެއިޝަންކަރ ދިވެހިރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައި މިދަތުރުފުޅުގެ ސަބަބުން ދެގައުމުގެ މެދުގައިވާ ޒަމާންވީ މިގުޅުމަށް އިތުރު އާރޯކަމެއް ލިބިގެންދާނެކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.