ޤާނޫނުއަސާސީއާ އެއްގޮތްނޫން ކަމެއް ޤާނޫނާ އެއްގޮތްކަމަށް ބަލާނެ ހަމައެއް ނޯންނާނެ

ޤާނޫނުއަސާސީއާ އެއްގޮތްނޫން ކަމެއް ޤާނޫނާ އެއްގޮތްކަމަށް ބަލާނެ ހަމައެއް ނޯންނާނެ

Author
މުޙައްމަދު ޝަޒައިމް
19 ފެބްރުއަރީ 2021 11:02
0

ޤާނޫނުއަސާސީއާ އެއްގޮތްނޫން ކަމެއް ޤާނޫނާ އެއްގޮތްކަމަށް ބަލާނެ އެއްވެސް ހަމައެއް ނޯންނާނެ ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ބައެއް ކެންޑިޑޭޓުން ނެގުމުން އެ ދާއިރާތަކުގެ ގޮޑިތައް އިންތިޚާބުވިކަމަށް އިއުލާން ކޮށްފައިވަނީ ޤާނޫނާއި އެއްގޮތަށް ކަަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޤާނޫނު އަސާސީއަކީ ޤާނޫނުތަކުގެ އެންމެ މަތީ ފަރާތަށްވާއިރު ޤާނޫނު އަސާސީގައި ވަކި ގޮތަކަށް ކަނޑައަޅާފައިވާ ކަމެއް ޤާނޫނަކުން ކުޑަ ނުކުރެވޭނެ ކަމަށެވެ.

ހައެރާކީގޮތުން ޤާނޫނުތަކުގެ އެންމެ މަތީގައިވާ ޤާނޫނުއަސާސީއާ އެއްގޮތްނޫން ކަމެއް ޤާނޫނާ އެއްގޮތްކަމަށް ބަލާނެ އެއްވެސް ހަމައެއް ނޯންނާނެ.

– ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި ބެހޭ ޤާނޫނުގެ 24 ވަނަ މާއްދާގައި ބުނެފައިވަނީ ކައުންސިލެއްގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރިހަމަވާ ކެންޑިޑޭޓުން ކަމަށްވެފައި، އިންތިޚާބަށް ކުރިމަތިލީ ކެންޑިޑޭޓު ޢަދަދު އިންތިޚާބުކުރަންޖެހޭ ޢަދަދާ އެއްވަރުނަމަ ނުވަތަ އެއަށްވުރެ މަދުނަމަ، އެ އިންތިޚާބުގައި ވޯޓުލުމެއްނެތި އެ ކެންޑިޑޭޓުން އެ މަޤާމުތަކަށް އިންތިޚާބުވީކަމަށެވެ.

ނަމަވެސް ޤާނޫނު އަސާސީގ 231 ވަނަ މާއްދާގައި ބުނެފައިވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނެންވާނީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުން ދީމިޤްރާތީ އުޞޫލުތަކުގެމަތީން، ސިއްރުވޯޓަކުން އިންތިޚާބުކުރާ މެންބަރުން ކަމަށެވެ.

ގިނަ އަދަދެއްގެ ކެނޑިޑޭޓުން ނަން ނެގުމުން ކައުންސިލް އިންތިޚާބުގެ 10 މަގާމަކަށް 15 ކައުންސިލަރުން ހޮވިފައިވާކަމަށް ޝަރީފު ވިދާޅުވިއެވެ. މީގެތެރެއިން 8 ގޮނޑި އެމްޑީޕީއަށް ލިބިފައިވާއިރު އަނެއް 7 ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންނެވެ. މި އަދަދުތަކާއި އެކު ކައުންސިލްތަކުގެ 22 މަގާމަކަށް 30 މެމްބަރުން މިވަނީ މިހާރު ގޮނޑި ކަށަވަރުވެފައިވާކަމަށް އިލެކްޝަނުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.