ވޯޓަކާއި ނުލައި އިންތިޚާބުވިކަން އިއުލާނުކުރީ ޤާނޫނާއި އެއްގޮތަށް: އީސީ

ވޯޓަކާއި ނުލައި އިންތިޚާބުވިކަން އިއުލާނުކުރީ ޤާނޫނާއި އެއްގޮތަށް: އީސީ

Author
މުޙައްމަދު ޝަޒައިމް
19 ފެބްރުއަރީ 2021 10:22
0

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ބައެއް ކެންޑިޑޭޓުން ނެގުމުން އެ ދާއިރާތަކުގެ ގޮޑިތައް އިންތިޚާބުވިކަމަށް އިއުލާން ކޮށްފައިވަނީ ޤާނޫނާއި އެއްގޮތަށް ކަަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބަކާއި ނުލައި އިންތިޚާބުވިކަމަށް އިއުލާންކުރި ކެންޑިޑޭޓުންގެ ނަންތައް ހާމަކޮށް އިއުލާން ކޮށްފައިވަނީ ލޯކަލް ކައުންސިން އިންތިޚާބާއި ބެހޭ ޤާނޫނާއި އެއްގޮތަށް ކަމަށެވެ. އެގޮތުން އެ ޤާނޫނުގެ 21 ވަނަ މާއްދާ ހިއްސާކުރައްވައި ޝަރީފް ވިދާޅުވީ ޤާނޫނުގައި ވަރަށް ސާފުކޮށް އެގޮތަށް އަމަލު ކުރެވޭނެކަމަށް ބުނެފައިވާކަމަށެވެ.

އިންތިޚާބާއި ބެހޭ ޤާނޫނުގެ 24 ވަނަ މާއްދާގައި ބުނެފައިވަނީ ކައުންސިލެއްގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ އިންތިޚާބަށް ކުރިމަތިލުމުގެ
ފުރިހަމަވާ ކެންޑިޑޭޓުން ކަމަށްވެފައި، އިންތިޚާބަށް ކުރިމަތިލީ ކެންޑިޑޭޓު ޢަދަދު އިންތިޚާބުކުރަންޖެހޭ ޢަދަދާ އެއްވަރުނަމަ ނުވަތަ އެއަށްވުރެ މަދުނަމަ،
އެ އިންތިޚާބުގައި ވޯޓުލުމެއްނެތި އެ ކެންޑިޑޭޓުން އެ މަޤާމުތަކަށް އިންތިޚާބުވީކަމަށެވެ.

ޝަރީފްގެ މިވާހަތަކަށް އެންމެބޮޑަށް ދެކޮޅު ހައްދަވައި ޤާނޫނީ ހުއްޖަތް ދައްކަވާފައިވަނީ ކްރިމިނަލް ކޯޓިގެ ކުރީގެ އިސްޤާޒީ އަހުމަދު ހައިލަމްއެވެ. ހައިލަމް ވިދާޅުވެފައިވަނީ ކޮންމެ ޤާނޫނެއްގައި އެފަދަ ގޮތަކަށް ބަޔާން ކުރި ނަމަވެސް ޤާނޫނު އަސާސީން ނުދޭ އިޚްތިޔާރެއްގެ ބޭނުން ކުރުމަކީ ޤާނޫނު އަސާސީއާއި ޚިލާފަށް ކުރެވޭ ކަމަކަށް ވާނެކަމަށެވެ.

އިންތިޚާބާބެހޭ ޤާނޫނުތަކުގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ރައްޔިތުންގެ ވޯޓާ ނުލައި އިންތިޚާބުކުރުމަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް. އެފަދައިން އިންތިޚާބުކުރެވޭ ބަޔަކީ ޤާނޫނު އަސާސީ ގައި ބަޔާންކުރެވިފައިވާ ގޮތަށް ރައްޔިތުން ފުރިހަމަ ޞިފައެއްގައި ރެޕްރެޒެންޓް ކުރެވޭ ބަޔަކަށް ނުވާނެ.

– ހައިލަމް ވިދާޅުވިއެވެ.

ހައިލަމް ވިދާޅުވީ ޤާނޫނު އަސާސީގެ 231 ވަނަ މާއްދާގައި ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރަންޖެހޭ ގޮތް ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާއިރު އެއާއި ޚިލާފަށް އިންތިޚާބުވެފައިވާކަމަށް ބުނަމަކީ ޤާނޫނާއި ޚިލާފަށް ކުރެވޭ ކަމެއްކަމަށެވެ.

ޤާނޫނު އަސާސީގެ 231 ވަނަ މާއްދާގައި ބުނެފައިވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނެންވާނީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުން ދީމިޤްރާތީ އުޞޫލުތަކުގެމަތީން، ސިއްރުވޯޓަކުން އިންތިޚާބުކުރާ މެންބަރުން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުން ތަރައްޤީކުރާ ކޮމެޓީތަކުގެ އިންތޚާބަށް ކުރިމަތިލީ މީހުންގެ ތެރެއިން ނަން އަނބުރާ ގެންދިޔުމަށް ހުޅުވާލި ފުރުސަތުގައި 308 ނަމެއް ނަގާފައިވާކަމަށެވެ.

ގިނަ އަދަދެއްގެ ކެނޑިޑޭޓުން ނަން ނެގުމުން ކައުންސިލް އިންތިޚާބުގެ 10 މަގާމަކަށް 15 ކައުންސިލަރުން ހޮވިފައިވާކަމަށް ޝަރީފު ވިދާޅުވިއެވެ. މީގެތެރެއިން 8 ގޮނޑި އެމްޑީޕީއަށް ލިބިފައިވާއިރު އަނެއް 7 ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންނެވެ. މި އަދަދުތަކާއި އެކު ކައުންސިލްތަކުގެ 22 މަގާމަކަށް 30 މެމްބަރުން މިވަނީ މިހާރު ގޮނޑި ކަށަވަރުވެފައިވާކަމަށް އިލެކްޝަނުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.