ރާއްޖެއަށް އެންމެ ގިނަ ފަރުވެރިން އަންނަ ގައުމުތަކުގެ ލިސްޓްގެ އެއް ވަނާގައި އަހަރު ފެށުނީއްސުރެ އޮތް ރަޝިއާ ފަހަތަށް ޖައްސާލުމަށްފަހު އިންޑިއާ އެއްވަނައަށް ޖެހިލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކޮންމެ ދުވަހުވެސް އާންމުކުރަމުންދާ ފަތުރުވެރިން އަންނަ އަދަދަުގެ ތަފާސް ހިސާބަށް ބަލާލާއިރު އަހަރު ފެށުނު ފަހުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އަންނަމުން ދިޔައީ ރަޝިއާ އިންނެވެ. އަހަރުގެ ފުރަތަމަ ހަފްތާގައި ރާއްޖެއައި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު އެއްވަނާގައި އޮތް ރަޝިއާ އާއި ދެވަނާަގއި އޮތް އިންޑިއާ އާ ދެމެދު 3،500 ފަތުރުވެރިންގެ ފަރަގެއް އޮތެވެ.
ނަމަވެސް އިއްޔެގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް މިހާތަނަށް އައިސްފައި މިހާރު ވަނީ އިންޑިއާ އިންނެވެ. އެގޮތުން އިއްޔެގެ ނިޔަލަށް އިންޑިއާއަށް ނިސްބަތްވާ 32،970 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ. އަދި ރަޝިއާއަށް ނިސްބަތްވާ 32،019 ފަތުރުވެރިން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ. ރާއްޖެއަށް މިހާތަނަށް އައި ފަތުރުވެރިންގެ އިންސައްތަ އަށް ބަލާއިރު މި ދެގައުމުގެ ދެމެދުގައި މިހާރު 0.6 އިންސައްތައިގެ ފަރަގެއް އެބަހުއްޓެވެ.
އިއްޔެގެ ނިޔަލަށް ޖުމްލަ 55،641 ފަތުރުވެރިން މި ފެބްރުވަރީ މަހު އެކަނި ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި މުޅި މިއަހަރު ރާއްޖެއަށް މިހާތަނަށް 147،744 ފަތުރުވެރިން މިވަނީ އައިސްފައެވެ. މި އަދަދު ތަކާއެކު ރާއްޖެއަށް މި ހިނގާ ފެބްރުވަރީ މަހު އެވްރެޖް ގޮތެއްގައި ދުވާލަކު 3،273 ފަތުރުވެރިން އަންނަކަމަށް ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކައެވެ.
އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާއިރު އެގައުމުގެ އެކި ސިޓީތަކުން ރާއްޖެއަށް އަންނަ ސީދާ ފްލައިޓް ތައްވެސް އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން އެންމެ ގިނަ އިންޑިއާ ފަތުރުވެރިން އުފުލާ އިންޑިގޯ އާއި ގޯއެއަރގެ 10 ވަރަކަށް ފްލައިޓް ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަނީ ބާއްވަމުންނެވެ. އެގޮތުން ބެންގްލޯރާއި، ކޮޗިންއާއި، މުންބާއީ އާއި، ދިއްލީގެ އިތުރުން ހައިދްރް އާބާދުންވެސް ރާއްޖެއަށް ޑައިރެކްޓް ފްލައިޓް އަންނަނީ ބާއްވާމުންނެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ރާއްޖެ އިޝްތިހާރުކުރުމުގެ 44 ހަރަކާތެއްގައި ރާއްޖެއިން މިއަހަރު ބައިވެރިވާން ނިންމާފައިވާއިރު، ރާއްޖޭން އިންތިޒާމުކޮށްގެން މިއަހަރު ބާއްވާ ގިނަ ރޯޑްޝޯތައް އަމާޒުކޮށްފައިވަނީ ރާއްޖެއަށް މިއަހަރު އެންމެ ގިނައިން ފަތުރުވެރިން އަންނަމުންދާ އިންޑިއާ އާއި ރަޝިއާ އަށެވެ.
މިދިއަ 2020 ވަނަ އަހަރުވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ. އިންޑިއާ އިން މިދިޔަ އަހަރު 62،960 ފަތުރުވެރިން ރާއްޖެއަށް އައެވެ.