ކުރީގެ ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ފުރުވައިލި މައްސަލާގައި ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްލުމުގެ ކުރިން އަލީ ވަޙީދު ފުރުވުމަށް ދުރާލާ ރޭވި މީހުންގެ މައްސަލަ އަކީ ތަހުގީގީ އިދާރާތަކުން އެންމެ ފުރަތަމަ ތަހުގީގް ކުރަންޖެހޭ ކަންތައް ކަމުގައި ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލަން ނެރުނު އަމުރާ ގުޅިގެން ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ސައީދުގެ ސުލޫކީ މައްސަލައެއް ތަޙުޤީޤުކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީނިންމާފައެވެ. ޖޭއެސްސީން ވިދާޅުވީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޤަޟިއްޔާތަކެއްގައި ދަޢުވާލިބޭ ފަރާތް ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ބާޠިލުކުރުމަށް ޤާޟީ ޙަސަން ސަޢީދު އަމުރު ނެރުމުގައި، ފާޅުކަންބޮޑުގޮތެއްގައި ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ކަނޑައެޅިފައިވާ އިޖުރާއަތުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށެވެ.
ޤާޒީ ހަސަން ސައީދުގެ މައްސަލަ ބެލުމަށް ޖޭއެސްސީން ކުރަމުންދާ މަސައްކަތާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ މިމައްސަލާގައި ޤާޟީ މެރިޓުން ނިންމާ ނިންމުން ރިވިއުކުރަންޖެހޭނީ އިސްތިއުނާފުންކަމަށެވެ. އަދި މިމައްސަލަ ގޮސްފައިވާ ގޮތަށްބަލާއިރު ތަހުގީގީ އިދާރާތަކުން އެންމެ އިސްކަންދީގެން ބަލަން ޖެހޭ މައްސަލަޔަކީ އަމުރުނެރުމުގެ ކުރިން ކުރިއާލާ ރާވައިގެން މުއްތަހަމު ފުރުވުމުގައި ބައިވެރިވީ ކޮންބައެއްތޯ ކަމާއި، މިކަމުގައި ޝާމިލުވި މީހުންގެ މައްސަލަ ކަމަށް އަބްދުﷲ ދީދީ ވިދާޅުވިއެވެ.
ދެފަރާތުން ދެއްކި ވާހަކަޔާއި ހުށަހެޅުންތަކަށް ރިޢާޔަތްކޮށް ޤާޟީ މެރިޓުން ނިންމާ ނިންމުން ރިވިއުކުރަންޖެހޭނީ އިސްތިއުނާފުން. ތަޙްޤީޤީ އިދާރާތަކުން ބަލަންވީ އަމުރުނެރުމުގެ ކުރިން ކުރިއާލާ ރާވައިގެން މުއްތަހަމު ފުރުވުމުގައި ބައިވެރިވީ ކޮންބައެއްތޯ؟ ޑްރާމާ ކުޅުން ހުއްޓާލަން ޖެހޭ!
– ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.
މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތުކޮށް ހަތް ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުއްވި ފަނޑިޔާރު ޙަސަން ސަޢީދުގެ މައްސަލަ ޖޭއެސްސީސީއަށް ހުށަހެޅުއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރަން ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށާއި، އެ އަމުރު ނެރުމުގައި ކޯޓުން އަމަލުކުރީ އެފަދަ އަމުރު ނެރުމުގައި އަމަލުކުރަމުންއައި އުސޫލްތަކާ ޚިލާފަށް ކަމަށް ޕީޖީއޮފީހުންވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ