އުމުރުން 35 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިން ދޭން ފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނީ 35 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. މީގެ އިތުރުން މިއަދު ވެސް އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ހައިރިސްކް ކެޓަގަރީތަކުގެ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.
މާލެ ސަރަޙައްދުގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ ހުރިހާ މީހުން ވީ އެންމެ އަވަހަކަށް ވެޖްސިން ޖެހުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. ރާއްޖޭގައި ވެކްސިން ޖެހުމުގެ ކަންކަން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިޔަށް ގެންދާއިރު މާލޭގެ 8 ސެންޓަރަކާއި އަތޮޅުތަކުގެ 66 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން އަންނަނީ ކުރަމުންނެވެ. ވެކްސިން އަކީ ކޯވިޑް-19 ގެ ހާލަތުން އަރައިގަތުމަށް އޮތް އެންމެ ޔަގީންކަން ބޮޑު ފަރުވާއެވެ. ރާއްޖޭގައިވެސް ވެކްސިން ޕްރޮގްރާމްއަށް މިހާތަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ކަމާއިބެހޭ ފަރާތްތަކުންވެސް އަންނަނީ ފާހަގަކުރަމުންނެވެ. ރާއްޖޭގައި މިހާތަނަށް 56 ހާހަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައެވެ.
ރާއްޖޭގައި މިހާރު ދެމުންދަނީ އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިންގެ 100،000ޑޯޒް ރާއްޖެއަށް ހަދިޔާކުރީ އިންޑިއާއިންނެވެ. މިހާރު ރާއްޖޭގައި ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޮފާމްގެ 5000 ވެކްސިން ޑޯޒްވެސް ރާއްޖެއަށްވަނީ ލިބިފައެވެ. ސަރުކާރުގެ އަމާޒަކީ 6 މަސްތެރޭގައި، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމެވެ. އެޗްޕީއޭއިން މައުލޫމާތުދެއްވާ ގޮތުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް ދިނުމަށް މިހާރު ނިންމާފައިވަނީ ފުރަތަމަ ޑޯޒް ދިންތާ 8 ހަފްތާ ފަހުންނެވެ.
ކޮމެންޓު ފޮނުވާ