މުޅި ދުނިޔެގައިވެސް، މިޙާތަނަށް ދެވުނު ވެކްސިންގެ %75 ދީފައިވަނީ ދުނިޔޭގެ 10 ގައުމެއްގައި ކަމަށާއި، އަދި މިއީ ވަރަށް ބޮޑު ބޭއިންސާފެއްކަމަށް ވިދާޅުވެ، ޔޫއެންގ ސެކެޓްރީ ޖެނެރަލް ދުނިޔޭގެ މުއްސަދި ގައުމުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ މަތީ ފަންތީގެ ބައްދަލުވުމެއްގައި، މިހަފްތާގެ އަންގާރަދުވަހު ވާހަކަ ދައްކަވަމުން، ގުޓަރޭސް ވިދާޅުވެފައިވަނީ، ދުނިޔޭގެ 130 ގައުމަކުން އަދި މިހާތަނަށް އެގައުމުތަކުގެ އެއްވެސް ރައްޔިތަކަށް ކޯވިޑް ވެކްސިންގެ އެންމެ ޑޯޒެއްވެސް އަދި ދީފައި ނުވާކަމުގައެވެ.
"މި ނާޒުކު ދަނޑިވަޅުގައި، ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުމަކީ، މުޅި ދުނިޔެއަށް މިވަގު ކުމަތިވެފައިވާ، އެންމެ ބޮޑު އިމްތިހާން،" އޭނާ ވިދާޅުވެފައި ވެއެވެ.
ގުޓަރޭސްވަނީ، ދުނިޔޭގެ ހުރިހާ ގައުމެއްގެ ރައްޔިތުންނަށްވެސް ވެކްސިން ފޯރުކޮށްދިނުމަށްޓަކާ، ވެކްސިންގެ ހަމަހަމަކަން ގާއިމްކުރުމުގެ ބާރު އެބައެއްގެ އަތްމަތީގައި އޮތް، ސައިންސްވެރިންނާއި، ވެކްސިން އުފައްދާ ފަރާތްތަކާ، އަދި ވެކްސިން އުފެއްދުމަށް ފަންޑު ކުރާ ފަރާތްތަކަށްވެސް، ބައިނަލް އަގުވާމީ ވެކްސިން ޕްލޭނެއް ގާއިމް ކުރުމަށް ގޮވާލައްވާފައެވެ.
އަދި މީގެއިތުރުން، ޔޫއެންގެ ސެކެޓްރީ ޖެނެރަލް ވަނީ، ދުނިޔޭގެ ފާމަސޫޓިކަލް ކުންފުނިތަކާ، އިންޑަސްޓްރީތަކުގެ އިތުރުން، ލޮޖިސްޓިކްސްގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައްވެސް އެއްގަލަކަށް އަރުވާ، އެއްއަމާޒަކަށް މަސައްކަތް ކުރުމަށްޓަކާ، ދުނިޔޭގެ އެންމެ މުއްސަދި 20 ގައުމުން އިސްނަގައިގެން އެމަޖެންސީ ޓާސްކް ފޯސްއެއް އެކުލަވާލުމަށްވެސް ގޮވާލައްވާފައެވެ.
ގުޓަރޭސް ވިދާޅުވި ގޮތުގައި، ހުކުރު ދުވަހު ބޭއްވުމަށް ހަަޖެހިފައިވާ، ދުނިޔޭގެ އެންމެ ކުރީގައިއުޅޭ އިންޑަސްޓްރިއަލް 7 ގައުމުތަކުގެ ބައްދަލުވުމުން، "މިކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން އުފެއްދުމަށް މުހިންމު ނިންމުންތަކެއް ނިންމިދާނެ" ކަމުގައެވެ.
އަންގާރަދުވަހު ބޭއްވުނު ސެކިއުރިޓީ ކައުންސިލްގެ މިބައްދަލުވުމުގައި، ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށް ނުދެވުމުގެ ސަބަބުން، ކޯވިޑް19އާއި ދެކޮޅަށް ހަގުރާމަ ކުރުމުގައި މުސްތަގުބަލުގައި ކުރިމަތިވެދާނެ މައްސަތަކާ ގުޅޭގޮތުން މެމްބަރު ގައުމުތަކުގެ މެދުގައި އެއްވިސްނުންތަކެއް ހުރިކަންވަނީ ހާމަވެގެން ގޮސްފައެވެ.
މެމްބަރު ގައުމުތަކުންވެސް ގަބޫލު ކޮށްފައިވާ ހަގީގަތަކީ، ދުނިޔޭގެ ބައެއްގައުމުތަކުން ބަލި ނައްތާލެވުނު ކަމުގައިވީނަމަވެސް، އަނެއްބައި ގައުމުތަކުގައި މިވައިރަސް ނައްތާނުލެވި މިއުޓޭޓްވަމުން ދާހާހިދަކު މުޅިދުނިޔެއަށް އޮތް ކޯވިޑް19ގެ ނުރައްކާތެރިކަން އެއްވެސް ގައުމަކަށް ކުޑަވެގެން ނުދާނެ ކަމުގައެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ދުނިޔޭގައި އިންސާނީ ކާރިސާތައް ކުރިމަތިވެފައިވާ 32 ގައުމެއްގައި މިހާތަނަށް ދެވިފައިވަނީ، ދުނިޔޭގައި މިހާތަނަށް ދީފައިވާ ކޯވިޑް ވެކްސިންގެ %1 ވެކްސިނެވެ.
ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ މިދައުރުގެ ރިޔާސަތު ބަލަހއްޓަވަމުން ގެންދަވާ، އިގިރޭސިވިލާތުގެ ފޮރިންގ ސެކެޓްރީ ޑޮމިނިކް ރާބްވަނީ، ދުނިޔޭގައި އަހުލީ ހަގުރާމަތަކާ އަދި އެހެނިގެން ހަމަނުޖެހުންތައް ހިގަމުންދާ ސަރަހައްދުތަކުގައި، ވެކްސިން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ލާޒިމްކުރާ ގަރާގެއް ސަލަމަތީ މަޖިލިހުން ފާސްކުރަމަށް މެމްބަރު ގައުމުތަކަށް ގޮވާލައްވާފައެވެ.
އިގިރޭސިވިލާތުން ބުނާގޮތުގައި، އިންސާނީ ކާރިސާތައް މިހާރުވެސް ކުރިމަތިވެފައިވާ ސަރަހައްދުތައް ކަމުގައިވާ، ޔަމްން، ސީރިއާ، ދެކުނު ސުދާން، ސޯމާލިއާ އަދި އިތިއޯޕިއާފަދަ ގައުމުގައިތަކުގައި މިހާރުވެސް، 160 މިލިއަން މީހުން ކޯވިޑް19 ވެކްސިން އިން މަހުރޫމު ވެގެންދިއުމުގެ ނުރައްކާ އިންތިހާއަށް ބޮޑުކަމުގައެވެ.
ކޮމެންޓު ފޮނުވާ