އިންތިޚާބާއި ގުޅިގެން ކުރަމުންދަނީ ލާހޫރޭ ޒާތުގެ މަސައްކަތް: ޝުޖާ

އިންތިޚާބާއި ގުޅިގެން ކުރަމުންދަނީ ލާހޫރޭ ޒާތުގެ މަސައްކަތް: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
17 ފެބްރުއަރީ 2021 03:13
0

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި އިލެކްޝަން ކޮމިޝަނުންނާއި މަޖިލީހުން ކުރާ މަސައްކަތުން ފެނިގެންދަނީ ލާހޫރޭ ޒާތުގެ މަސައްކަތް ކުރާތަންކަމުގައި އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މިހާތަނަށް ދައްކަމުންދާ ވާހަތަކާއި މިހާރު ދައްކަމުންދާ ވާހަތަކާއި، މަޖިލީހުން މިކަމުގައި އަމަލުތައް ބަހައްޓަމުންދާ ގޮތަށް އިޝާރާތް ކުރައްވައި ޝުޖާ ވިދާޅުވީ ފެނިގެންދަނީ ދެއްކި ވާހަތައް ހަނދާންނެތި ވަކި ބަޔަކަށް ފަހި ވާގޮތަށް އިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރަމުންދާތަންކަމަށެވެ. ހަމަހަމަ ކަމާއިއެކު އިންތިޚާބުގެ ކެންޕެއިން ކުރާނެ ފުރުސަތު ނުލިބި ބާއްވާ އިންތިޚާބަކީ ސައްޚަ އިންތިޚާބަކަށް ނުވާނެކަމަށް ޝުޖާ ވިދާޅުވިއެވެ.

ކެންޕެއިން ކުރުމުގެ ފުރުސަތު ނުދެއްވާ އިންތިހާބެއް ބޭއްވުމަކީ ޑިމޮކްރެޓިކް ހަމަ އެއް ނޫން! މިއީ ދުނިޔެވެސް ދަންނަ ކަމެއްވެސް ނޫން. އިލެކްޝަނުން ދައްކާ އެއްވެސް ވާހަކަ އަކަށް އިތުބާރެއް ނެތް. ހުރިހާ ކެނޑިޑޭޓުންގެ ހައްޤުތައް ވަނީ ގެއްލިފަ.

– ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ވިދާޅުވީ އިންތިޚާބާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ޕްރޮގްރެސިވް ކޯލިޝަނުން އިލެކްޝަނަށް ހުށަހަޅާފައިވާކަމަށެވެ. އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްވެސް ވަނީ މި މައްސަލަތައް އިދިކޮޅު ކޯލިޝަނުން ހުށަހަޅާފައިވާކަމަށް ވިދާޅުވެފައެވެ.

މިހުރިހާ ޝަކުވާއެއް ވާނީ ޕްރޮގްރެސިވް ކޯލިޝަނުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފަ. އިލެކްޝަނުން ދައްކާ ވާހަކަ އާއި މަޖިލީހުން ދައްކާ ވާހަކަ ދިމާނުވޭ. ނިކަން ގަޓުގަ މިކަން ކޮށްބަލަ. މިހާރު ތި ލާހޫރެނީ!

– ޝުޖާ ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އޭޕްރީލް މަހުގެ 10 ވަނަ ދުވަސް ކަނޑައަޅާފައިވާއިރު، އިންތިޚާބު ބޭއްވުމަށް ބޮޑެތި ޤާނޫނީ ހުރަސްތަކެއް ހުރިކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ފާހަގަކޮށް މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް މަޖިލިސް ރައީސް ވަނީ އިލެކްޝަންގެ މިވާހަތަކަށް ރައްދު ދެއްވައި އިންތިޚާބު ބޭއްވުން ނޫންގޮތެއް ނެތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވަނީ ކޯވިޑްގެ މިހާލަތުގައި ހަމަހަމަ ކަމާއިއެކު ކެންޕެއިންކޮށް އިންތިޚާބު ބޭއްވުމުގެ ފުރުސަތު މިހާރު ނެތްކަމަށެވެ. އަދި އިންތިޚާބު ބޭއްވޭފަދަ އިންތިޒާމުތަކާއި، ވަސީލަތްތައްވެސް އަދި ލިބިފައި ނެތްކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.