އިންޑިޔާގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ބޭނުން ކުރަމުންދާ ކޮވިޝީލްޑް ވެކްސިން ހުރިހާ ރައްޔިތުން ޖެހުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.
އެކޯލިޝަނުން ވަނީ މިވެކްސިން ޖެހުމަށް މީގެ ކުރިން ދެކޮޅު ހަދާފައެވެ. ނަމަވެސް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިޔު.އެޗް.އޯ ގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާރޓްސް އޮން އިމިއުނައިޒޭޝަން (ސޭޖް) ގެ މާހިރުން ކުރި ހަތަރު ހަފްތާގެ ދިރާސާ ނިމި، ދެކުނު ކޮރެޔާގައި ތައްޔާރުކުރާ އޮކްސްފޮޑް-އެސްޓްރާޒެނެކާ މަރުކާގެ ވެކްސިނާއި އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑް މަރުކާގެ ވެކްސިން، އުމުރުން 18 އަހަރުން މަތީގެ މީހުން ބޭނުންކުރުމުގެ އިމަރޖަންސީ ހުއްދަ ރަސްމީ ސިފައެއްގައި ދިނުމާއެކު، އަދި ކުރިން ހުއްދަ ދީފައިވާ ފައިޒަރ-ބަޔޯއެންޓެކް މަރުކާގެ ވެކްސިންގެ އިތުރުން އެ ދެމަރުކާވެސް ބޭނުންކުރުމަށް އެޖަމްޢިއްޔާއިން ގޮވާލާފައިވާތީ، އެކަމަށް އިޖާބަދީ، ވެކްސިން ޖެހުމަށް ވަނީ މިއަދު ދިވެހި ރައްޔިތުންނަށް ގޮވާލާފައެވެ.
މިކޯލިޝަނުން އަބަދުވެސް އިސްކަންދީ، ބާރުއަޅާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. އެގޮތުން، ވެކްސިންތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ދެނެގަތުމުގެ ފަންނީ ޤާބިލިއްޔަތު ރާއްޖޭގައި ޤާއިމުކުރެވިފައިނުވާ ހިނދު އަދި އެފަންނުގެ ދުނިޔޭގެ ފެންވަރުގެ މާހިރުން އަދި ރާއްޖޭގައި ނެތް ހިނދު، ޒަމާނުއްސުރެ އެފަދަ ކަންކަމުގައި އަމަލުކުރަމުން އައި ގޮތް ކަމުގައިވާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ލަފަޔާއި އިރުޝާދު ބަލައިގަތުމަކީ މިކޯލިޝަނުން ކުރިއަށްއޮތްތާނގައިވެސް ކަންކުރާނެގޮތެވެ. އަދި، އެގޮތަށް އަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކަށްވެސް މިފުރުޞަތުގައި ނަސޭހަތްތެރިވަން.
– އިދިކޮޅު ކޯލިޝަން ބަޔާނުގައިވެއެވެ.
ރައްޔިތުންގެ ޞިއްޙަތަށްވުރެ ކުރިއަށް ނެރެވޭނެ އެއްވެސް އެހެން އެޖެންޑާއެއް އޮވެގެންނުވާއިރު، ޚާރިޖީ ގުޅުންކަމުގައިވިއަސް، ޞިއްޙީ ދާއިރާގެ ޚިދްމަތްތެރިންގެ މުސާރައާއި އިނާޔަތްތައް ކަމުގައިވިއަސް، އެފަދަ އެންމެހާ ކަންކަން އަންނަންވާނީ ރައްޔިތުންގެ ދުޅަހެޔޮކަމާއި، ސަލާމަތާ، ރައްކާތެރިކަން ކަށަވަރުކުރުމަށްވުރެ ފަހަތަށް ކަމުގައި އިދިކޮޅު ކޯލިޝަނުން ބުނެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަރާތުން ނެރުނު ބަޔާނުގައި، އަދި އެޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް ގެބްރިއޭސުސް ނޫސްވެރިންނަށް ދެއްވި މަޢްލޫމާތުގައި ވަނީ، އެޖަމްޢިއްޔާގެ އީ.ޔޫ.އެލް. އަށް މި ދެ މަރުކާގެ ވެކްސިން އިތުރުކުރެވުނުކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި، އެ މަރުކާތަކުގެ (ލަފާދީފައިވާ ދުރުމިނުގައި ދެވޭ) ދެ ޑޯސަށްފަހު ކޮވިޑުން ރައްކާތެރިވުމުގެ 63.09 އިންސައްތަ ފުރުޞަތު އޮންނާނެކަން ހާމަކުރައްވާފައެވެ. މިއީ 95 އިންސައްތަ ޔަޤީންކަން އޮންނަ ފައިޒަރ-ބަޔޯއެންޓެކް މަރުކާއަށްވުރެ ދަށް އަދަދެއްކަމުގައިވިއަސް، ރާއްޖެފަދަ ވެކްސިން ކޯލްޑް ޗޭން ޤާއިމުކުރެވިފައިނުވާ ޤައުމުތަކުގައި މި މަރުކާ ބޭނުންކުރުމުގެ ފަސޭހަތައްވެސް އެޖަމްޢިއްޔާގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.
ވެކްސިން ޖެހުމަށް އިދިކޮޅު ކޯލިޝަނުންގެ ގޮވާލުމުގެ އިތުރުން، ޑަބްލިޔު.އެޗް.އޯ މެދުވެރިކޮށް ވެކްސިންގެ ސަލާމަތްތެރިކަން ކަށަވަރުވެފައިވާ ހިނދު، އެކަމަށް ދެވޭ އިތުރު ހިތްވަރެއްގެ ގޮތުން، ކޯލިޝަނުގެ އިސްވެރިންނާއި ކައުންސިލް މެންބަރުން ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ވެކްސިން ޖަހާނެ.
– އިދިކޮޅު ކޯލިޝަން ބަޔާނުގައިވެއެވެ.
މިބަޔާނުގައި ބުނެފައިވަނީ އެހެން ބައެއް މަރުކާތަކުގެ ވެކްސިންވެސް ރާއްޖެ ގެނެވިފައިވާކަމަށާއި، ނުވަތަ ގެންނަން ހަމަޖެހިފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވާތީ، އެ މަރުކާތައްވެސް ޑަބްލިޔު.އެޗް.އޯ. ގެ އީ.ޔޫ.އެލް. ގައި ހިމެނިފައިވޭތޯ ކަށަވަރުކުރުމަށާއި، އޭގެ ކުރިން އާންމުކޮށް ޖަހަން ނެރެ، އެ މަރުކާތައް ބޭނުންކުރަން ރައްޔިތުންނަށް ބާރު އެޅުން އެއީ ޒިންމާދާރުކަމެއް ނޫންކަން ހަނދާންކޮށްދީ، ސަރުކާރަށް މިކަމުގައި ނަސޭހަތްތެރިވާމަށެވެ. އަދި، ކުރިއަށްއޮތްތާނގައިވެސް ދިވެހި ރައްޔިތުންގެ ޞިއްޙަތާ ގުޅޭ ކަންކަމުގައި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އިރުޝާދު ބޮލާލާ ނުޖެހުމަށާއި، ނުވަތަ އެޖަމްޢިއްޔާގެ ލަފަޔާއި އިރުޝާދަށްވުރެ ކުރިއަށް އެހެން ފަރާތްތަކުގެ އެންގުންތަކާއި، އިރުޝާދު އަދި ފިއްތުންތައް ނުނެރުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެެވެ.
ކޮމެންޓު ފޮނުވާ