ނޯޓިސްގައި އޮތީ މުޅިން ދޮގު، މާދަމާ ނޯޓިސް އަބުރާ ފޮނުވާލާނަން: މަލީހު

ނޯޓިސްގައި އޮތީ މުޅިން ދޮގު، މާދަމާ ނޯޓިސް އަބުރާ ފޮނުވާލާނަން: މަލީހު

Author
މުޙައްމަދު ޝަޒައިމް
16 ފެބްރުއަރީ 2021 08:15
0

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މިއަދު ލިބިފައިވާކަމަށާއި، ނަމަވެސް ނޯޓިސްގައި ހުރީ މުޅިން ދޮގު މައުލޫމާތުތަކަށްވުމުން މާދަމާ ނޯޓިސް އަނބުރާ ފޮނުވާލާނެކަމަށް މިނިސްޓަރ މަލީހު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް މިިދިޔަ ހަފްތާގައި ހުށައެޅުއްވީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމްއެވެ. އާޒިމް ހުށަހެޅުއްވި މިމައްސަލައައި ގުޅިގެން މަލީހު ވިދާޅުވީ ނޯޓިސް ލިބުނު އިރު އޮތީ މުޅިން ދޮގު މައުލޫމާތު ކަމަށެވެ.

ނޯޓިސް ލިބިއްޖެ. ކަމުދާކަށް ނެތް. ގަރާރު ތައްޔާރު ކުރެއްވި މެމްބަރު މަޖިލިސްގެ 14 މެމްބަރަކަށް ވަނީ އޮޅުވާލާފަ. ސުލޫކީ ފިޔަވަޅު އަޅަންޖެހޭ. ޤަރާރު ބާތިލު، ހަމަނުޖެހޭ ދޮގު ވާހަކަ، ނަން ދިމާނުވޭ. ވަރަށްބޮޑު ޤާނޫނީ މައްސަލަތަކެއް. މާދަމާ ނޯޓިސް އަބުރާ ފޮނުވާލާނަން.

– މަލީހު ވިދާޅުވިއެވެ.

މިނިސްޓަރ މަލީހަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ އިތުބާރު ނެތްކަން ނިންމާ އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ހުށައެޅުމަށް ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަދުވަހުއެވެ. އެމްޑީޕީގެ އަސާސީ ޤަވާއިދުގައިވާ ގޮތުން، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެޕާޓީން ވެއްދޭނީ، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅައި ފާސްކޮށްގެންނެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހަށް ވެއްދުމާއި ގުޅިގެން އޭރު މަލީހު ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ޤާނޫނު އަސާސީ ޝަރަހަ ކުރައްވަނީ ނުބައިކޮށް ކަމަށެވެ. މަލީހު ވިދާޅުވީ މައްސަލަ ވެއްދިއިރު ވައްދާފައިވަނީ އެއްވެސް ގުޅުމެއްނެތި ތާކުންތާނު ނުޖެހޭ ތުހުމަތުތަކެއްގައި ޤާނޫނު ނުބައިކޮށް މާނަކޮށްގެން ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އެނިންމުމަކީ ޚިޔާލްފާޅުކުރުމުގެ މިނިވަންކަމާއި ހައްގުތައް ހޯދުމަށް ވަކާލާތު ކުރައްވަމުންދިޔަ ބޭފުޅުން އަމިއްލަ ބައިކޮޅަށް ޖެއްސެވި ގޯލެއްކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރުން މޮހޮރު ޖައްސަވަމުންދަނީ އަމިއްލަ ސަންދޯކަށް ކަމުގައި ވިދާޅުވެ މިނިސްޓަރ މަލީހުގެ ބަހު ހަމަލާތަކެއް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް އަމާޒުކޮށްފައިވެއެވެ.

މަޖިލީހުގެ ޤަވައިދު ބުނާގޮތުން ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށައެޅޭނީ 10 މެމްބަރުންގެ ސޮޔާއިއެކުއެވެ. އަދި އިތުބާރުނެތްކަމަށް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޢުލަބިއްޔަތުންނެވެ. އެހެންކަމުން މަލީހް މަގާމުން ވަކިކުރަން ބޭނުންވާނީ 43 މެމްބަރުންގެ ވޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.