ކަސްޓަމްސްއަށް ޑިކްލެއަރ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ ޢަދަދެއްގެ ބޭރު ފައިސާ ހިފަހައްޓައިފިއެވެ.
ކަސްޓަމްސް އިން ބުނެފައިވަނީ 2021 ފެބްރުވަރީ 12 ވަނަ ދުވަހުގެ ހެނދުނު 07:30 ގައި ބަންގަލަދޭޝްގެ ޑާކާއަށް ފުރުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ފްލައިޓް 502 Q2 އިން ފުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ދިޔަ ބަންގްލަދޭޝްގެ 34 އަހަރުގެ ފިރިހެނެއްގެ އަތުން ތަފާތު އެކި ޤައުމުތަކުގެ ގިނަ ޢަދަދެއްގެ ފައިސާ ވަނީ ފެނިފައިވާކަމަށެވެ.
އެގޮތުން މިމީހާގެ އަތުން އަތުލައިގަނެވުނު ފައިސާއަކީ ކަސްޓަމްސްއަށް ރިޕޯޓްކޮށްފައިނުވާ ފައިސާއަށްވާއިރު، އަތުލައިގަނެވުނު ފައިސާގެ ޖުމްލަ އަކީ ދިވެހި ރުފިޔާއިން 1,148,278.27 (އެއްމިލިއަން ސަތޭކަ ސާޅީސް އަށް ހާސް ދުވިސައްތަ ހަތްދިހަ އަށް ރުފިޔާ ހަތާވީސް ލާރި) އެވެ.
ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން، 10,000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެއަދަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރުފައިސާ ދިވެހިރާއްޖެއިން އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާނަމަ ކަސްޓަމްސްއަށް ޑިކްލެއަރ ކުރަންޖެހެއެވެ. މި މައްސަލަ ދަނީ އިތުރަށް ތަހްޤީޤް ކުރަމުން ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ކޮމެންޓު ފޮނުވާ