އޭޕްރީލް 10 ގައި އިންތިޚާބު ބޭއްވޭނީ ޤާނޫނީ ހުރަސްތައް ނައްތާލެވުމުން: ޝަރީފް

އޭޕްރީލް 10 ގައި އިންތިޚާބު ބޭއްވޭނީ ޤާނޫނީ ހުރަސްތައް ނައްތާލެވުމުން: ޝަރީފް

Author
މުޙައްމަދު ޝަޒައިމް
16 ފެބްރުއަރީ 2021 03:17
0

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ޔަގީންކަމާއިއެކު ބޭއްވޭނެކަމަށް ދެންނެވޭނީ މިހާރު ހުރި ޤާނޫނީ ހުރަސްތައް ނައްތާލެވުމުން ކަމުގައި އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޤާނޫނީ ގޮތުން ހުރި ހުރަސްތައް ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާކަމަށެވެ. މިހާރުވެސް ހުރި ޤާނޫނީ ގޮންޖެހުންތަކާއިއެކު އިންތިޚާބު ބޭއްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިއިރު މިކަންކަން ހައްލުވާން ޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިޚާބު ބޭއްވުމަށްޓަކައި ކެންޑިޑޭޓުންނަށާއި، ޕާޓީތަކަށްވެސް ގިނަ ގޮންޖެހުންތަކެއް ހުރެގެން އެޝަކުވާ ހުށަހަޅަމުންދާކަމަށެވެ. އަދި ކޯވިޑްގެ މިހާލަތުގައި އެތައްބަޔަކު ޕޮޒިޓިވް ވަމުންދާއިރު، ބައެއް ރަށްރައް މޮނިޓަރިންއަށްލައި، ވޯޓްލާން ރަޖިސްޓްރީ ކުރުމަށްވެސް ހުރަސް އެޅިފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން އިލެކްޝަންގެ އޮފިޝަލުންނަށްވެސް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާކަމަށެވެ. އެގޮތުން އިލެކްޝަންގެ މުވައްޒިފަކުވެސް ޕޮޒިޓިވްވެ، ކޮންޓެކްޓްވި މުވައްޒިފުންވެސް މިހާރު ކަރަންޓީނަށް ގޭގައި މަޑު ކުރަން އަންގާފައިވާކަމަށެވެ.

ޝަރީފް ވިދާޅުވީ މަޖިލީހަށް ހުށަހެޅިފައިވާ މައްސަލަތަކުގައި އަދިމިހާތަނަށް މަޖިލީހުން ވަކި އެއްޗެއް ނާންގާކަމަށެވެ. ޝަރީފް ވަނީ މަޖިލިސް ރައީސް އޭނާއަށް ނިސްބަތްކޮށް މަޖިލިސްގައި ދެއްކެވި ވާހަތަކަށް ރައްދު ދޭން ބޭނުން ނުވާކަމަށް ބުނެފައެވެ. ނަމަވެސް އިންތިޚާބު ބޭއްވުމަށް ހުރި ހުރަސްތަކުގެ ވާހަކަ އެމްޑީޕީގެ ބޭފުޅުންވެސް އިލެކްޝަންގެ ޤައުމީ މަޖިލީހުގައި ފާހަގަކޮށްފައިވާކަމަށެވެ. ޝަރީފް ވިދާޅުވީ ބަޖެޓާއި އަދި އިންތިޚާބު ބޭއްވުމަށް ހުރި ޤާނޫނީ ހުރަސްތައް ނައްތާ ލެވިއްޖެނަމަ އިންތިޚާބު10 އޭޕްރީލްގައި ބޭއްވިގެންދާނެކަމަށެވެ. ނަމަވެސް ޔަގީން ކަމާއިއެކު އިންތިޚާބު އެދުވަހުގައި ބޭއްވޭނެކަމެއް ދަންނަވަން ނޭގޭކަމަށެވެ.

ޝަރީފް ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބު ބައްވާއިރު، ބަހައްޓާނެ ވޯޓް ފޮށީގެ ޢަދަދުވެސް އިތުރުވެފައިވާކަމަށެވެ. އެގޮތުން ކުރިން އިންތިޚާބުގައި ބަހައްޓަން ނިންމީ532 ވޯޓް ފޮށިކަމަށެވެ. ނަމަވެސް މިހާރު އެ ޢަދަދު އިތުރުވެ 735 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3،934 ކެނޑިޑޭޓުންކަމަށް ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.