ހިޔާ ފްލެޓް ސަރަހައްދުގައި ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިން ގިނަ: ރައީސް

ހިޔާ ފްލެޓް ސަރަހައްދުގައި ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިން ގިނަ: ރައީސް

Author
އަހުމަދު
03 ޖުލައި 2026 09:10
0

ހިޔާ ފްލެޓް ސަރަހައްދުގައި ކުށްކުރާ ކުދިންނާއި ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިންގެ ނިސްބަތް ގިނަކަމަށް ފާހަގަކުރެވޭތީ، އެކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާޅުކުރައްވައިފިއެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެއްޗާއި ކުށްކުރާ ކުދިން ގިނަވުމުގެ މައިގަނޑު އެއް ސަބަބަކީ ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތައް ކަމަށެވެ. މިކަމުގެ މިސާލެއްގެ ގޮތުން ރައީސް ނެންގެވީ އެމަނިކުފާނުގެ ހައުސިން މިނިސްޓަރުކަމުގައި އިމާރާތްކުރި ހިޔާ ފްލެޓް ސަރަހައްދެވެ.

އެ ސަރަހައްދުގައި ކުށްކުރާ ކުދިން ގިނަވާން ދިމާވާ ސަބަބުތަކުގެ ތެރޭގައި، އެކި ރަށްރަށުން މާލެއަށް ހިޖުރަކޮށް މަޖުބޫރީ ހާލަތްތަކުގައި ދިރިއުޅެންޖެހުން ހިމެނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ބޮޑު އަގުގައި ފްލެޓް ކުއްޔަށް ނަގައިގެން އުޅުމަށްޓަކައި ބެލެނިވެރިން އެތައް ވަޒީފާއެއް އަދާކުރަން ޖެހުމުގެ ސަބަބުން ކުދިންނަށް ދޭންޖެހޭ އެކަށީގެންވާ ސަމާލުކަން ނުދެވޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ބޯހިޔާވަހިކަމުގެ ދަތިކަމަކީ މަސްތުވާތަކެއްޗާއި ކުށްތަކަށް އަރައިގަތުމުގެ އަސްލު ސަބަބުކަމަށް ވެސް ވިދާޅުވިއެވެ.

މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރަމުން އަންނަކަން ރައީސް ހާމަކުރެއްވިއެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުގެ މައިގަނޑު އަމާޒަކީ ކުށުގެ ވެއްޓަށާއި މަސްތުވާތަކެތީގެ ތެރެއަށް ވަދެފައިވާ ޒުވާނުން އެކަމުން ސަލާމަތްކޮށް، މުޖުތަމައަށް ބޭނުންތެރި، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ނެރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަން ހާސިލުކުރެވޭނީ މައްސަލައިގެ އަސްލު ސަބަބުތައް ދެނެގަނެ، އެކަންކަމަށް އެކަށީގެންވާ ފަރުވާދީގެންކަން ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.