އިންތިޚާބުގައި ވާދަކުރާނީ 3،934 ކެނޑިޑޭޓުން، 735 ވޯޓް ފޮށި

އިންތިޚާބުގައި ވާދަކުރާނީ 3،934 ކެނޑިޑޭޓުން، 735 ވޯޓް ފޮށި

Author
މުޙައްމަދު ޖިމީ
16 ފެބްރުއަރީ 2021 03:08
0

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓިގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3،934 ކެނޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވާ އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އިންތިޚާބުތަކާއި ބެހޭ މަރުކަޒުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރާނީ 3،934 ކެނޑިޑޭޓުންކަަމށެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއީ މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުޞަތުގައި ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓަށް ފަހު އިންތިޚާބުގައި ވާދަކުރާނެ ފައިނަލް ކެނޑިޑޭޓުންގެ ޢަދަދުކަމަށެވެ.

ޝަރީފް ވިދާޅުވީ، ދެން ނަން އަނބުރާ ގެންދިއުމަށް ބޭނުންވާ ކެނޑިޑޭޓުން ނަން އަނބުރާ ގެންދިޔަ ނަމަވެސް ވޯޓް ކަރުދާހުގައި އެ ކެނޑިޑޭޓެއްގެ ނަން އޮންނާނެކަމަށެވެ.

ޝަރީފް ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބު ބައްވާއިރު، ބަހައްޓާނެ ވޯޓް ފޮށީގެ ޢަދަދުވެސް އިތުރުވެފައިވާކަމަށެވެ. އެގޮތުން ކުރިން އިންތިޚާބުގައި ބަހައްޓަން ނިންމީ532 ވޯޓް ފޮށިކަމަށެވެ. ނަމަވެސް މިހާރު އެ ޢަދަދު އިތުރުވެ 735 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓްތަކުގައި ވޯޓްފޮށި ބަހައްޓާނެކަމަށެވެ. ނަމަވެސް ދެ ޤައުމެއްގައި ވޯޓް ފޮށި ނުބެއްހެއްޓޭނެކަން ޔަޤީންކުރެވިފައިވާކަމަށެވެ. އެގޮތުން މެލޭޝިއާގައި ބެހެއްޓުމަށް ނިންމި 2 ވޯޓް ފޮށްޓައި، އިނގިރޭސވިލާތުގައި ބަހައްޓާން ނިންމި ވޯޓް ފޮށި ނުބެހެއްޓޭނެކަން ޔަޤީންކުރެވިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ވޯޓްލާ މަރުކަޒުތަކުގައި 10،000 ވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށާއި، އެހާ ގިނަ ޢަދަދެއްގެ އޮފިޝަލުން ބައިތިއްބަން ނިންމީ އެޗްޕީއޭގެ އުސޫލާއި އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދިއުމަށްކަމަށެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އިންތިޚާބު އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ބޭއްވުމަށް ގޮންޖެހުންތަކެއް ހުރިހަމަށް އީސީން ވަނީ ބުނެފައެވެ. އަދި އިތުރަށް ބަޖެޓް ބޭނުންވާކަމަށްވެސް ބުނެފައިވެއެވެ. އިންތިޚާބު ބޭއްވުމަށް ގޮންޖެހުން ހުރިކަމަށް ބުނެ މަޖިލީހަށް އީސީން މައްސަލައެއް ފޮނުވާފައިވާއިރު، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އިންތިޚާބު ފަސްކުރުމަށް އެއްވެސް އިޞްލާހެއް ގެނައުމުގެ ވިސްނުން ނެތްކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.