ރާއްޖެއަށް ފުރިހަމަ ތަރައްޤީއެއް ގެނައުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ރައީސްކަމުގެ ދެ ދައުރު ދެއްވަންޖެހޭކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވި ވިދާޅުވުމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ރައްދު ދެއްވައިފިއެވެ.
ރާއްޖެ ޓީވީން މިއަދު ހެނދުނު ގެނެސްދިން “ފަށާއިރު” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަބްރޫކް ވިދާޅުވީ، ވެރިކަމުގެ ނިޒާމް ހިނގަމުން އަންނަގޮތުން ތަރައްޤީ ގެނައުމުގައި ލަސްތަކެއް ކުރިމަތިވާކަމަށެވެ. އެގޮތުން ފަސް އަހަރުގެ ދެ ދައުރު ފުރިހަމަކުރެވުނު ވެރިއެއް ރާއްޖޭގެ ޑިމޮކްރަސީގައި ނެތްކަމަށާއި، ވެރިކަމުގެ އެއް ދައުރަކީ ތަރައްޤީ ގެނައުމަށް އެންމެ އެކަށޭނަ މުއްދަތެއް ނޫންކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކްގެ މުވާހަތަކާއި ގުޅިގެން މުސްތަފާ ވިދާޅުވީ ކޯވިޑްގެ ހާލަތުންވެސް އަރައިގަނެވިގެންދާއިރު، މިހާލަތުގައި ސްޕޯކްސް ޕާސަން މަބުރޫކް ބޮލަށް ބޭސް ކުރެއްވުމަށް މަސައްކަތް ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ.
މަބުރޫކް ބޮލަށް ބޭސްކުރަން ރަނގަޅުކަމަށް ފެނޭ. މިހާރު ކޯވިޑްވެސް ނިމުމަކަށް ދަނީ.
– މުސްތަފާ ވިދާޅުވިއެވެ.
ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ކުރިމަތި ލައްވާނެކަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭ އެނގިގެންދާނެކަމަށާއި، ދެވަނަ ދައުރުގެ ކެމްޕެއިންގައި ބައިވެވަޑައިގަތުމަށް ބޭނުންފުޅުވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ފުރިހަމަ ތަރައްޤީއެއް ރާއްޖެއަށް ގެނެވޭނީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދެއްވުމުންކަމަށް މަބްރޫކް ވިދާޅުވެފައިވާއިރު، މި ސަރުކާރުގެ ދެ އަހަރު ހަމަވެ ތިންވަނަ އަހަރެއް ކަނޑައްތުކުރަމުން ދާއިރުވެސް އެކަށީގެންވާ ތަރައްޤީއެއް ނުގެނެވޭކަމަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ކުރީ ސަރުކާރުތަކުން ދެ އަހަރު ދުވަހުގެ ތެރޭގައި ނުހިންގާ މިންވަރަށް މި ސަރުކާރުގެ ދެ އަހަރު ތެރޭގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގާފައިވާކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ