ޤާނޫނާއި ޚިލާފު ލިޔުމެއްގައި ސޮއިކުރުމަށް އިދިކޮޅު ކޯލިޝަނުން ދެކޮޅު ހަދައިފި

ޤާނޫނާއި ޚިލާފު ލިޔުމެއްގައި ސޮއިކުރުމަށް އިދިކޮޅު ކޯލިޝަނުން ދެކޮޅު ހަދައިފި

Author
މުޙައްމަދު ޝަޒައިމް
16 ފެބްރުއަރީ 2021 02:27
0

އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާއި ގުޅިގެން ވާހަކަ ދެއްކުމަށް ކަމަށްބުނެ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ޤާނޫނާއި ޚިލާފް ލިޔުމެއްގައި ސޮއިކުރުމަށް މަސައްކަތް ކުރުމުން އެކަމާއި ދެކޮޅު ހަދާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން އިދިކޮޅު ކޯލިޝަންގެ ބޭފުޅުންނާއި މަޝްވަރާ ކުރުމަށް މިއަދު އިސްކަންދަރު ކޮއްޓަށް ހާޒިރުވެ ބައްދަލުވުމުގައި ހިނގައިދިޔަ ކަންތައްތަކާއި ގުޅިގެން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ޤާނޫނީ ވަކީލް އަހުމަދު ސިއްދީގު ވިދާޅުވީ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ ކަމެއްގައި މަޝްވަރާ ކުރުމަށް ކަމަށެވެ. ނަމަވެސް ވަކި ހިސާބަކުން ބަޔާނެެއް ދައިކައި އޭގައި ސޮއިކުރުމަށް އެދުނުކަމަށެވެ.

ނަމަވެސް ޤާނޫނުއަސާސީއާއި ޤާނޫނުތަކުން މަނާ އެއްވެސް ކަމެއް އިދިކޮޅު ކޯލިޝަން ކޮށްފައި ނުވާއިރު، ބަޔާންތަކާއި، ލިޔުންތަކުގައި ސޮއިކޮށް ޤާނޫނީ ޚިލާފް އުފެދޭނެ ޖާގަ ދިނުމަކީ ކުރެވޭނެކަމެއް ނޫންކަމަށް މިއަދު ވިދާޅުވެފައިވާނެކަމަށެވެ. އަދި މިހާރު އިދިކޮޅު ކޯލިޝަނުން މާލޭގައި ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކަކީ އެއްވެސް ޤާނޫނަކުންވެސް އަދި ޤާނޫނު އަސާސީއާއިވެސް ޚިލާފަށް ކުރެވޭ ކަމަކަށް ނުވާއިރު، ޤާނޫނާއި ޚިލާފް އެއްވުންތަކެއް ހަދައި ޤާނޫނީ ގޮތުން ބައްދާލަން މަސައްކަތް ކުރުމަކީ ކުރެވޭނެ ކަމެއްނޫން ކަމަށް ސިއްދީގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ކޯލިޝަނަކީ ރާއްޖޭގެ މަސްލަހަތަށް އަބަދުވެސް މަސައްކަތް ކުރާނެ ބައެއް ކަމަށެވެ. ނަމަވެސް ޤާއުމުގެ އިޤްތިޞާދާއި އިޖުތިމާއީ ފޭރާން ހަލާކުވަމުންދާއިރު އެކަން ބަލަން އިދިކޮޅު ކޯލިޝަނުން ނުތިބޭނެކަމަށެވެ. ފުލުހުންގެ މައްޗަށް ޤާނޫނާއި ޚިލާފަށް ނެރޭ މިފަދަ އަމުރުތަކަށް ތަބާވެ ބިރު ދެއްކުމަށް ކުރާ މަަސައްކަތަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލޭގައި10 މީހުންނަށް ވުރެ ގިނައިން އެއްފަރާއެއް ނުވެވޭ ގޮތަށް އެޗްޕީއޭއިން ވަނީ ގައިޑްލައިނަށް ބަދަލު ގެނެސްފައެވެ. މިބަދަލާއިއެކު އިދިކޮޅު ކޯލިޝަނުން ދަނީ 10 މީހުން އެއްވެގެން މާލޭގައި މުޒާހަރާތައް ކުރިއަށް ގެންދަމުންނެވެ. އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މުޒާހަރާތައް ހުއްޓާލާނީ ރައީސް ޔާމީން މިނިވަންކޮށް، ރައްޔިތުންގެ ހައްގުތައް ކަށަވަރު ވުމުންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.