އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ހުސްވެފައިވާ މަގާމަށް ޑރ.މުޙައްމަދު ޒާހިރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ޑރ. މުޙައްމަދު ޒާހިރުގެ ނަން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި ވަނީ ޑިސެމްބަރު މަހުގެ ތެރޭގައި އެވެ. ޒާހިރު ކޮމިޝަނަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 37 މެމްބަރުންގެ ވޯޓުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަކްރަމް ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަކްރަމް ވަކިކުރުމަށް ނިންމާފައިވަނިކޮށް، އޭނާ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ، މިދިޔަ ނޮވެމްބަރު މަހު 19 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޗަނަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ޑރ. މުޙައްމަދު ޒާހިރަކީ ކުރިންވެސް އެ ކޮމިޝަންގައި މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކޮސްފައިވާ ބޭފުޅެކެވެ.
އިލެކްޝަންސް ކޮމިޝަން އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. ކޮމިޝަންގެ ގާނޫނު ބުނާގޮތުން މެމްބަރުކަމުގެ މަގާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންވާނެ އެވެ. އިލެކްޝަންސް ކޮމިޝަނަށް މެމްބަރުން އައްޔަން ކުރާނީ، އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން، ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ފޮނުވައިގެން، މަޖިލީހުން ރުހުން ދިނުމުނެވެ.
ދާދިފަހުން އެކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ކޮމިޝަންގެ މެމްބަރު އިސްލާއިލް ހަބީބު ވަނީ އިންތިޚާބުކޮށްފަ އެވެ. ހަބީބު އިންތިޚާބު ކޮށްފައިވަނީ އިލެކްޝަން ކޮމިޝަންގެ 623 ވަނަ ބައްދަލުވުމުގައި ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ކޮމެންޓު ފޮނުވާ