މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މިހާރު ފޮނުވާފައިވާކަމަށް ރައްޔިތުންގެ މަޖލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މަލީހުގެ އިތިބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް މިިދިޔަ ހަފްތާގައި ހުށައެޅުއްވީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމްއެވެ.
ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅިއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސްކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގަންވާނެކަމަށެވެ. އަދި ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާޢުގައި މަސައްކަތް ކުރުމުގެ ހައްގު އެ ވަޒީރަކަށް ލިބިގެންވާކަމަށެވެ.
މިނިސްޓަރ މަލީހަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ އިތުބާރު ނެތްކަން ނިންމާ އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ހުށައެޅުމަށް ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަދުވަހުއެވެ. އެމްޑީޕީގެ އަސާސީ ޤަވާއިދުގައިވާ ގޮތުން، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެޕާޓީން ވެއްދޭނީ، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅައި ފާސްކޮށްގެންނެވެ.
މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހަށް ވެއްދުމާއި ގުޅިގެން އޭރު މަލީހު ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ޤާނޫނު އަސާސީ ޝަރަހަ ކުރައްވަނީ ނުބައިކޮށް ކަމަށެވެ. މަލީހު ވިދާޅުވީ މައްސަލަ ވެއްދިއިރު ވައްދާފައިވަނީ އެއްވެސް ގުޅުމެއްނެތި ތާކުންތާނު ނުޖެހޭ ތުހުމަތުތަކެއްގައި ޤާނޫނު ނުބައިކޮށް މާނަކޮށްގެން ކަމަށެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އެނިންމުމަކީ ޚިޔާލްފާޅުކުރުމުގެ މިނިވަންކަމާއި ހައްގުތައް ހޯދުމަށް ވަކާލާތު ކުރައްވަމުންދިޔަ ބޭފުޅުން އަމިއްލަ ބައިކޮޅަށް ޖެއްސެވި ގޯލެއްކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރުން މޮހޮރު ޖައްސަވަމުންދަނީ އަމިއްލަ ސަންދޯކަށް ކަމުގައި ވިދާޅުވެ މިނިސްޓަރ މަލީހުގެ ބަހު ހަމަލާތަކެއް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް އަމާޒުކޮށްފައިވެއެވެ.
މަލީހުއާއި ޢާޒިމްގެ ކޯޅުން: މަލީހު އަންގަވަނީ އާޒިމް ބޮޑާނުވެ ހުންނެވުމަށް
މަޖިލީހުގެ ޤަވައިދު ބުނާގޮތުން ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށައެޅޭނީ 10 މެމްބަރުންގެ ސޮޔާއިއެކުއެވެ. އަދި އިތުބާރުނެތްކަމަށް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޢުލަބިއްޔަތުންނެވެ. އެހެންކަމުން މަލީހް މަގާމުން ވަކިކުރަން ބޭނުންވާނީ 43 މެމްބަރުންގެ ވޯޓެވެ.
ކޮމެންޓު ފޮނުވާ