ރާއްޖެއަށް ފުރިހަމަ ތަރައްޤީއެއް ގެނައުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ރައީސްކަމުގެ ދެ ދައުރު ދެއްވަންޖެހޭކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން މިއަދު ހެނދުނު ގެނެސްދިން "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަބްރޫކް ވިދާޅުވީ، ވެރިކަމުގެ ނިޒާމް ހިނގަމުން އަންނަގޮތުން ތަރައްޤީ ގެނައުމުގައި ލަސްތަކެއް ކުރިމަތިވާކަމަށެވެ. އެގޮތުން ފަސް އަހަރުގެ ދެ ދައުރު ފުރިހަމަކުރެވުނު ވެރިއެއް ރާއްޖޭގެ ޑިމޮކްރަސީގައި ނެތްކަމަށާއި، ވެރިކަމުގެ އެއް ދައުރަކީ ތަރައްޤީ ގެނައުމަށް އެންމެ އެކަށޭނަ މުއްދަތެއް ނޫންކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެމެރިކާގެ އެންމެ ކާމިޔާބު އެއް ރައީސް ބަރަކް އޮބާމާގެ 8 އަހަރު ދުވަުގެ ދެ ދައުރަށް އަލިއަޅުްވާލައްވާ މިސާލު ނަންގަވަމުން މަބްރޫކް ވިދާޅުވީ، އޮބާމާއަށް 4 އަހަރުގެ ފުރަތަމަ ދައުރުން ކާމިޔާބީތަކެއް ހޯދިފައި ނުވުމުން ފާޑުކިއުން އަމާޒުވިކަމަށެވެ. ނަމަވެސް ދެވަނަ ދައުރުގައި އޮބާމާ ގެންނެވި ތަރައްޤީގެ އަވަސް ފިޔަވަޅުތަކަކީ އޮބާމާގެ ވެރިކަން ކާމިޔާބުވުމުގެ ނަތީޖާކަމަށް މަބްރޫކް ސިފަކުރެއްވިއެވެ. އޭނާ ވަނީ ރާއްޖެއަށްވެސް ފުރިހަމަ ތަރައްޤީއެއް ގެނެވޭނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއްވެސްު ދެއްވައިގެންކަމަށް ވިދާޅުވެފައެވެ.
ރައީސްކަމުގެ ދެ ދައުރު ފުރިހަމަކޮށްގެން ނޫނީ ތަރައްޤީ އެންމެ ފުރިހަމަގޮތުގައި ނުގެނެވޭނެ. އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ އެންމެ ދިގު މުއްދަތަކަށް ވެސް ވެރިކަމުގައި ހުންނެވުނީ 5 އަހަރަށްކަން. މި ފަސް އަހަރުގެ ތެރެއިން ފުރަތަމަ އަހަރު ވެރިކަމުގެ ސިސްޓަމްއަށް އަހުލުވެރިވުމަށް ނަގާއިރު ފަހު އަހަރު ކެމްޕޭންކުރުމަށް މިދެނީ.
– ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް
ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ކުރިމަތި ލައްވާނެކަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭ އެނގިގެންދާނެކަމަށާއި، ދެވަނަ ދައުރުގެ ކެމްޕެއިންގައި ބައިވެވަޑައިގަތުމަށް ބޭނުންފުޅުވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ފުރިހަމަ ތަރައްޤީއެއް ރާއްޖެއަށް ގެނެވޭނީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދެއްވުމުންކަމަށް މަބްރޫކް ވިދާޅުވެފައިވާއިރު، މި ސަރުކާރުގެ ދެ އަހަރު ހަމަވެ ތިންވަނަ އަހަރެއް ކަނޑައްތުކުރަމުން ދާއިރުވެސް އެކަށީގެންވާ ތަރައްޤީއެއް ނުގެނެވޭކަމަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ކުރީ ސަރުކާރުތަކުން ދެ އަހަރު ދުވަހުގެ ތެރޭގައި ނުހިންގާ މިންވަރަށް މި ސަރުކާރުގެ ދެ އަހަރު ތެރޭގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގާފައިވާކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ