ދުސްތޫރީ މައްސަލައެއްގައި ގޯސް ހެދުމަށްފަހު އަދިވެސް އެ ކުރި އަނިޔާ ދިފާޢުކުރުމަކީ ދެރަވަރު ކަމެއްކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމްގައ ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް)އަށް ރައްދު ދެއްވައިފިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.ޖަމީލް މަޤާމުން ވަކިކުރި ގޮތާއި ގުޅޭގޮތުން ޖަމީލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅާފައިވާ މައްސަލައިގެ އިއްޔެގެ އަޑުއެހުމުގައި ޖަމީލް ވިދާޅުވީ އެންމެ ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުންނަށް ވެސް ލިބެންޖެހޭ ދިފާއުވުމުގެ ހައްގު ވަކިކުރުމުގެ ކުރިން އޭނާއަށް މަޖިލީިހުން ދީފައި ނުވާ ކަމަށެވެ. ނައިބު ރައީސުން ވަކި ކުރެވޭނީ ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށް ގާނޫނު އަސާސީގައި ބުނާއިރު، އެކަންކަން ފުރިހަމަ ނުކޮށް މަޖިލީހުން އޭނާ ވަކިކުރި ކުރުން ޖަސްޓިފައި ކުރެވޭނެ ހަމައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަމީލްގެ މިވާހަތަކާއި ގުޅިގެން މަހިބަދޫ ދާއިރާ ތަމްސީލު ކުރައްވާ އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވީ ޖަމީލް ނާއިބް ރައީސް ކަމުގެ މަޤާމުން ވަކިކޮށްފައިވަނީ އޭރުގެ ރައީސް ޔާމީނަށް އޭނާއާއިމެދު އިތުބާރު ނެތުމުން ޤާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީންކަމަށެވެ.
ޓޮމްގެ އެވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީންގެ ޤާނޫނީ ވަކީލް އާދާމް ޝަމީމް ވިދާޅުވީ، ވޮޑަމުލާގެ ކަންތަކުގައި ރައީސް ޔާމީންގެ އެއްވެސް ދައުރެއް ނެތްކަން، އެނގޭ ޕީޕީއެމްގެ މެންބަރުންގެ ފަރާތުން ސާފުކޮށްދޭން ރައީސް ޔާމީން މާބޮޑަށް ބޭނުންފުޅުވާނެކަމަށެވެ. ދުސްތޫރީ މައްސަލައެއްގައި ގޯސް ހެދުމަށްފަހު އަދިވެސް އެ ކުރި އަނިޔާ ދިފާޢުކުރުމަކީ ދެރަވަރު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ވޮޑަމުލާގެ ކަންތަކުގައި ރައީސް ޔާމީންގެ އެއްވެސް ދައުރެއް ނެތްކަން، އެކަން އެނގޭ ޕީޕީއެމްގެ މެންބަރުންގެ ފަރާތުން ސާފުކޮށްދޭން RY މާބޮޑަށް ބޭނުންފުޅުވާނެ. ދުސްތޫރީ މައްސަލައެއްގައި ގޯސް ހެދުމަށްފަހު އަދިވެސް އެ ކުރި އަނިޔާ ދިފާޢުކުރުމަކީ ދެރަވަރު ކަމެއް.
– ރައީސް ޔާމީންގެ ޤާނޫނީ ވަކީލް އާދަމް ޝަމީމް
އާދަމް ޝަމީމް މިހެން ވިދާޅުވެފައިޥާއިރު، ޑރ.ޖަމީލަކވެސް ރައީސް ޔާމީންގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ވަކީލެކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބުު ރައީސްކަމުން ޖޫން، 2015 ގައި ޖަމީލް ވަކިކުރީ މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އެއީ މެއި، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން އިދިކޮޅު ފަރާތްތަކާ ގުޅިގެން ޖަމީލް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށެވެ. އޭނާ ވަކި ކުރުމަށް ފަހު އެ މަގާމަށް އައްޔަން ކުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. ނަމަވެސް ފަހުން އަދީބުވެސް ވަނީ ރައީސް ޔާމީން ވަހާރަކޮށްލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި މަޤާމުން ވަކިކޮށްފައެވެ.
ނާއިން ރައީސްކަމުގެ މަޤާމުން ވަކިކުރެއްވި ގޮތާއިމެދު ޑރ.ޖަމީލު ސުވާލު އުފައްދަވައި ވާހަކަ ދައްކަވާއިރު ޖަމީލު ވަނީ އަލުން އަނެއްކާވެސް ޕީޕީއެމްއާއި ގުޅި ޕީޕީއެމްގެ ލީޑަރޝިޕްގައި ހަރަކާތްތެރި ވަމުންނެވެ. އަދި މިއަދު ޖަމީލް ދައްކާ ގިނަ ވާހަކަތައް ޕީޕީއެމްގެ ވެރިންނަށް އަމާޒުވެ އެބޭފުޅުންގެ ބޮޑެތި ފާޑުކިޔުން ވަނީ ޑރ.ޖަމީލަށް އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ