ހިޔާ މަޝްރޫޢުގެ 7000 ފްލެޓް އެޅުމަށްފަހު، އެ ފްލެޓްތައް ބަހައިދިނުމަށް ހަވާލުކުރުމުންވެސް އެކަންވެސް ހެދީ ބޮޑު ހައިޖާނަކަށްކަމަށް ވިދާޅުވެ، ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ.ޢަބްދުﷲ ޚަލީލް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޢަބްދﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭ ދެވެނަ ފިޔަވަހީގައ ތަރައްޤީކުރި 7000 ފްލެޓް އޭގެ ހައްގުވެރިނަށް ދީފައިވަނީ އިންސާފުން ނޫންކަމަށް ބުނެ މިސަރުކާރުން ފްލެޓްތަކުގެ މައްސަލަ ބެލުމަށް ކޮމިޓީއެއް ހެދިއެވެ. އަދި އެ ކޮމިޓީން މިހާރު ވަނީ މައްސަލަތަށް ބެލުމަށްފަހު އޭގެ އެންމެ ހައްގުވެރިންނަށްކަމަށް ބުނެ ފައިނަލް ލިސްޓް ޢާންމުކޮށްފައެވެ. ނަމަވެސް ފްލެޓް ހައްގުވާ އެތައް ބަޔަކަށް ނުލިބި، ފްލެޓް ބަހާލާފައިވަނީ މި ސަރުކާރާއި ގާތްމީހުންނަށްކަމަށް ބުނެ ބޮޑެތި ފާޑުކިއުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ.ޢަބްދުﷲ ޚަލީލް ވިދާާޅުވީ، 7000 ފްލެޓް އަޅާއިދީ ބަހާލަން ހަވާލުކުރުމުންވެސް، އެ ބަހާލުނވެސް ހެދީ ބޮޑު ހައިޖާނަކަށްކަމަށާއި، ވިސްނައިފި ބަޔަކަށް ޢިބްރަތަކަށް ވާނެކަމަށެވެ.
7000 ފުލެޓް އަޅާ ދީފަ މި ބަހާލަދޭށޭ ދެންނެވީމަ، އެބަހާލުންވެސް ހެދީ ބޮޑު ހައިޖާނަކަށް.
ވިސްނައިފި ބަޔަކަށް އިބްރަތަކަށްވާނެ. pic.twitter.com/OGfVl9Or7k— Dr. Abdulla Khaleel (@abkhaleel) February 15, 2021
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް އަޅައިދެއްވި ހިޔާ ފްލެޓްތައް ހައްގުވާ އެތައްބަޔަކަށް ފްލެޓް ނުލިބި ހުރެދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުވެސް އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދެއްވުމަށް ރައީސް ޔާމީންގެ ވެރިކަމުގައި އެޅުއްވި 7،000 ފްލެޓް ދިންއިރު އޭގެ ހައްގުވެރިންނަށް ނުދެވި ހުރެދާނެކަމަށެވެ. އެތައްބަޔަކު ފްލެޓަށް ކުރިމަތިލާފައިވާއިރު، މަދުބަޔަކަށް ފްލެޓް ދެވުމަކީ މިކަމުގެ ޝަކުވާ އިތުރުވެގެންދާނެ ކަމެއްކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. ރައީށް ވަނީ ފައިނަލް ލިސްޓުގައިވެސް މައްސަލަތަކެއް ހުރެދާނެކަމަށް ފާހަގަކުރައްވާ އެކަން ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ