ކަރަންޓީނުގެ އުސޫލާ ހިލާފަށް އއ. މަތިވެރިއަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އާއި އިތުރު 11 މީހަކު އަރައި އުޅުނު މައްސަލާގައި އެމީހުން ޖޫރުމަނާ ކުރުމުން ރަށުން ފައިބައިފިއެވެ.
ޖާބިރު މަތިވެރީގައި ހިންގި ގެސްޓު ހައުސްއަށް ހަފްތާ ބަންދުގައި ވަޑައިގެންނީ 11 މީހަކާއި އެކުގައެވެ. މަތިވެރިއަށް ދިއުމަށްފަހު ޖާބިރު ފުރައިގެން ދިއުމާއި ހަމައަށްވެސް އުޅުނީ އެ ގެސްޓު ހައުސް ހިމެނޭ ސަރަހައްދުގައެވެ. ޖާބިރު މަތިވެރީގައި އުޅޭތާ 3 ދުވަސްފަހުން މިއަދު އޭނާއާއިއެކު އިތުރު ބަޔަކު ރަށަށް އަރައިގެން އުޅޭ މައްސަލަ ބަޔަކު ހުށަހެޅުމުން މިކަން ވަނީ ބަލާފައެވެ.
އަދި މަތިވެރިއަށް އެޗްޕީއޭއާއި ރަށު ކައުންސިލުގެ ހުއްދަ ނެތި އަރައިގެން އުޅޭތީ ކޮންމެ މީހަކުވެސް ވަނީ 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. ޖާބިރު އާއި އޭނާގެ އެކުވެރިން ވަނީ މިރޭ 7:30 ކަން ހާއިރު އެރަށުން ފުރައިގެން ގޮސްފައެވެ.
މަތިވެރިންވެސް މިމަހުގެ ތެރޭގައި ވަނީ ބަޔަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިންއަށްވެސް ލާފައެވެ.
ކޮމެންޓު ފޮނުވާ