މާދަމައިން ފެށިގެން އަތޮޅުތަކުގައި 60 އަހަރުން މަތީގެ މީހުނަށް ވެކްސިން ދޭންފަށަނީ

މާދަމައިން ފެށިގެން އަތޮޅުތަކުގައި 60 އަހަރުން މަތީގެ މީހުނަށް ވެކްސިން ދޭންފަށަނީ

Author
މުޙައްމަދު ޝަޒައިމް
15 ފެބްރުއަރީ 2021 11:12
0

އަތޮޅުތެރޭގައި މާދަމާއިން ފެށިގެން، ޢުމުރުން 60 އަހަރުން މަތީގެ މީހުނަށް ވެކްސިން ދޭން ފަށާނެކަމަށް އެޗްއީއޯސީއިން ހާމަކުރައްވައިފިއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ވެކްސިން ޕްރޮގްރާމްގެ ފަރާތުން ވާހަކަދައްކަވަމުން މުޙައްމަދު ހަމްޒަތު ވިދާޅުވީ މާދަމައިން ފެށިގެން އައްޑޫ ސިޓީއާއި ކުޅުދުއްފުށީގެ އިތުރުން މިވަގުތު ވެކްސިން ދިނުމުގެ ކަންކަން އަތޮޅު ތެރޭގައި ހަމަޖެހިފައިވާ ސެންޓަރުތަކުން ދެމުންގެންދާނެކަމަށެވެ.

ވެކްސިން ދިނުމަށް ހުއްދަތައް ދޫކުރުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް މިންގަނޑަށް އެބަބަލަންޖެހޭ. ވެކްސިންގެ ސަބަބުން އެއްވެސް ރިއެކްޝަނެއް އަންނަ ނަމަ އެފަދަ ޙާލަތަކަށް ތައްޔާރު ތަންތަނަށް ހުއްދަ ދޫކުރަމުންދަނީ. ހަމްޒަތު ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 43،817 އަށް އަރާފައެވެ. ވެކްސިން ދިނުމުގެ ޕްރޮގްރާމުގައި ވެކްސިން ދެމުން ގެންދާ މީހުންގެ ކެޓަގަރީތައް އަންނަނީ އިތުރުކުރަމުންނެވެ. އެގޮތުން މިހާރު ގޭގެއަށް ގޮސްގެން އެނދުމަތި ވެފައިވާ މީހުންނަށާއި ޢުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ދިގުމުއްދަތަކަށް ބޭސްކުރަންޖެހޭ ފަރާތްތަކަށްވެސް އަންނަނީ ވެކްސިން ދެމުންނެވެ. މިހާތަނަށް އެނދުމަތިކުރެވިފައިވާ މީހުންގެ ތެރެއިން 46 މީހުނަށް ވެކްސިން ދެވިފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

މިހާރު ދެމުންދަނީ އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިންގެ 100،000ޑޯޒް ރާއްޖެއަށް ހަދިޔާކުރީ އިންޑިއާއިންނެވެ. މިހާރު ރާއްޖޭގައި ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޮފާމްގެ 5000 ވެކްސިން ޑޯޒްވެސް ރާއްޖެއަށްވަނީ ލިބިފައެވެ. ސަރުކާރުގެ އަމާޒަކީ 6 މަސްތެރޭގައި، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމެވެ. ވެކްސިން ދިނުމުގެ މަސައްކަތް މާލޭ ސަރަޙައްދުގެ 8 ސެންޓަރަކާއި، އަތޮޅުތަކުގެ 48 ސެންޓަރުގައި ދަނީ ޖަހަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.