ވެކްސިން ޖެހި މީހުންގެ އަދަދު ބައިލައްކަ އާއި ގާތްކޮށްފި

ވެކްސިން ޖެހި މީހުންގެ އަދަދު ބައިލައްކަ އާއި ގާތްކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 ފެބްރުއަރީ 2021 10:27
0

ރާއްޖޭގައި ކޯވިޑް-19 ދިފާޢުއަށް އަށް ވެކްސިން ދިން މީހުންގެ އަދަދު 43،000 މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝްން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި މާލެއާއި އަތޮޅުތައް ހިމެނޭހެން 5،204 މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެސަރަޙައްދުން ވެކްސިން ޖެހި 3،967 މީހުންނާއި، އަތޮޅުތެރޭގައި ވެކްސިންޖެހި 1،237 މީހުންނެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 43،817 އަށް އަރާފައެވެ.

މާލެ ސަރަޙައްދުން މިހާތަނަށް ވެކްސިން ޖަހާފައިވަނީ 35،289 މީހުންނެވެ. އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ 8،407 އެވެ.

މިހާރު ދެމުންދަނީ އޮކްސްފޯޑާ އެސްޓްރާ ޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިންގެ 100،000ޑޯޒް ރާއްޖެއަށް ހަދިޔާކުރީ އިންޑިއާއިންނެވެ. މިހާރު ރާއްޖޭގައި ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޮފާމްގެ 5000 ވެކްސިން ޑޯޒްވެސް ރާއްޖެއަށްވަނީ ލިބިފައެވެ. ސަރުކާރުގެ އަމާޒަކީ 6 މަސްތެރޭގައި، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމެވެ. ވެކްސިން ދިނުމުގެ މަސައްކަތް މާލޭ ސަރަޙައްދުގެ 8 ސެންޓަރަކާއި، އަތޮޅުތަކުގެ 48ސެންޓަރުގައި ދަނީ ޖަހަމުންނެވެ.

ރާއްޖޭގައި ރަސްމީކޮށް ވެކްސިންދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ. ރާއްޖެ މިވަގުތު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި އޮތުމުގެ ސަބަބުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އަދި ވެކްސިން ދެމުންގެންދާނީ ވެކްސިން ޖެހުމަށް ޚާއްސަ ޕޯޓަލްގައި ރަޖިސްޓްރީވަމުންދާ ފަރާތްތަކަށްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.