އައްޑޫސިޓީ ކައުންސިލުގެ އިތުރު 2 ގޮނޑި އިންތިހާބުގެ ކުރިން އެމްޑީޕީން ކަށަވަރު ކޮށްފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގޮނޑި ކަށަވަރުވީ އެމްޑީޕީގެ ޓިކެޓްގައި ހިތަދޫ ކޮރުވަލު ދާއިރާ އަށް ވާދަކުރާ އިބްރާހީމް ޝިނާޒް މޫސާ އާއި ހުޅުދޫ ދާއިރާ އަށް ނުކުންނަ ހުސެއިން ފައިޒުއްރަހްމާނެވެ. އެ ދެ މީހުންނަށް ގޮނޑި ކަށަވަރުވީ އެ މީހުން ވާދަކުރާ ދާއިރާތަކަށް ވާދަކުރާ އެހެން ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުންނެވެ.
ޝިނާޒް ވާދަކުރާ ދާއިރާގެ ގޮނޑި އަށް އޭނާ އަށް ކަށަވަރުވީ އެ ދާއިރާ އަށް ވާދަކުރާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ޖިނާން (ޖިންކޯ) ނަން ގެންދިއުމުންނެވެ. ފައުޒު ވާދަކުރާ ދާއިރާގެ ގޮނޑި އޭނާ އަށް ކަށަވަރުވި އިރު އެ ދާއިރާ އަށް ޕީޕީއެމްގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ދެ ކެންޑިޑޭޓަކު ވާދަކުރިއެވެ.
މިގޮނޑީގެ އިތުރުން އިތުރު ކެނޑިޑޭޓެއް ކުރިމަތިލާފައި ނެތުމުގެ ސަބަބުން ސިޓީ ކައުންސިލުގެ ހިތަދޫ ބޭރުމަތި ދާއިރާއަށް އެމްޑީޕީން ވާދަ ކުރާ ކެނޑިޑޭޓް މަރިޔަމް ސައިދާވެސް ވަނީ އެގޮނޑި ކާމިޔާބު ކޮށްފައެވެ. މި ގޮނޑި އަކީ އަންހެނުންނަށް ހާއްސަ ކުރެވިފައިވާ ގޮނޑިއެކެވެ. މީގެ އިތުރުން މަރަދޫ އަދި ފޭދޫ ދައިރާގެ އަންހެނުންގެ ކޮމެޓީގެ ދެ ގޮނޑިވެސް އެމްޑީޕީ ކެނޑިޑޭޓުން ވަނީ ކަށަވަރުކޮށްފައެވެ.
އައްޑޫ ސިޓީ ކައުންސިލުގައި މިވަގުތު 7 މެންބަރުން ތިބި ނަމަވެސް، އަލަށް ހޮވޭ ކައުންސިލުގައި މޭޔަރއާއެކު 13 މެންބަރުން ތިބޭނެއެވެ. އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރަނީ، ކުރީގެ ހިތަދޫ ދެކުނު ދައިރާގެ މެންބަރު އަލީ ނިޒާރުއެވެ. ޕީޕީއެމްއިން މި ގޮނޑިއަށް ވާދަ ކުރަނީ ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް ކަމުގައި ހުންނެވި، މުހައްމަދު ލަތީފުއެވެ.
ކޮމެންޓު ފޮނުވާ