މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މި ހަފްތާ ބަންދުގައި ޒިޔާރަތްކޮށްފި އެވެ.
އެގޮތުން މިދިޔަ ހުކުރު ދުވަހު 4،809 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ. އަދި އިއްޔެ 4،480 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިއަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ. އެހެން ކަމުން މި ހަފްތާ ބަންދުގައި އެކަނި ރާއްޖެއިން ވަނީ 9،200 އަށް ވުރެ ގިނަ ފަތުރުވެރިންނަށް މަރުހަބާ ކިޔާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން މި ހަފްތާ ބަންދު ނުނީ ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މި މަހުގެ 7 ވީ އާދީއްތަ ދުވަހުއެވެ. އެއީ 4،373 ފަތުރުވެރިންނެވެ.
ހަފްތާ ބަންދުގައި ރެކޯޑު އަދަދަކަށް ފަތުރުވެރިން ރާއްޖެ އައުމާގުޅިގެން ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް، ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޯވިޑް-19ގެ ވެކްސިން ޕްރޮގްރާމާއެކު ފަތުރުވެރިކަމުންވެސް އުންމީދީ ކުރިއެރުމެއް ފެންނަމުންދާ ކަމަށެވެ.

މި ހަފްތާ ބަންދުގައި ރާއްޖެއައި ފަތުރުވެރިންނާއެކު، މި ފެބްރުވަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 41،953 އަށް އަރާފައެވެ. އަދި މުޅި މިއަހަރު ރާއްޖެއަށް މިހާތަނަށް 134،056 ފަތުރުވެރިން މިވަނީ އައިސްފައެވެ. މިއަދަދު ތަކާއެކު ރާއްޖެއަށް މި ހިނގާ ފެބްރުވަރީ މަހު އެވްރެޖް ގޮތެއްގައި ދުވާލަކު 3،227 ފަތުރުވެރިން އަންނަކަމަށް ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކައެވެ.
މި އަހަރުގެ ފުރަތަމަ ދުވަހުންފެށިގެން މިހާތަނަށްވެސް ރާއްޖެއަށް އެންމެގިނައިން އައީ ރަޝިޔާ އާއި އިންޑިއާއަށް ނިސްބަތްވާ ފަތުރުވެރިންނެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް ރަޝިޔާއަށް ނިސްބަތްވާ 27،041 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ. އަދި އިންޑިއާއަށް ނިސްބަތްވާ 26،292 ފަތުރުވެރިން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށެވެ. އެހެންކަމަށް ވާނަމަ މަހަކު އެވްރެޖްކޮށް 1 ލައްކަ 25 ހާސް ފަތުރުވެރިން ރާއްޖެ ގެންނަންޖެހެއެވެ. މިއަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 92،103 ފަތުރުވެރިންނެވެ.
ކޮމެންޓު ފޮނުވާ