ސްޕެނިޝް ލީގުގައި ބާސެލޯނާ ކުޅުނު މެޗު އެޓީމުން ކާމިޔާބުކޮށް ލީގުގެ ކުރިއަށްޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ބާސެލޯނާ ކުޅުނު މެޗު އެޓީމުން ކުރި ހޯދީ ޑިޕޯޓެވޯ އަލްވޭސްއާ ވާދަކޮށް ތަފާތުބޮޑުކޮށް 5-1 ލަނޑުންނެވެ. މެޗުގައި ޓިރިންކާއޯ އާއި ލިއޮނަލް މެސީ ދެލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ މޮރިބާ ލައިޒް ދިން ބޯޅައަކުން ޓިރިންކާއޯއެވެ. މިއީ މި ދެކުޅުންތެރިން ވެސް ބާސާގެ ފުރަތަމަ 11 ގައި ހިމެނިގެން ލަލީގާގެ މެޗެއްގެ ކުޅުނު ފުރަތަމަ މެޗެވެ.
ބާސެލޯނާއަށް ދެން ލަނޑު ޖެހީ ޖޫނިއާ ފިރިޕޯއެވެ. ރޭގައި މެސީ ޖެހި ދެލަނޑާއެކު އަލްވޭސް ލަލީގާއަށް 2016 ވަނައަހަރު ޕްރޮމޯޓްވި ފަހުން މިއީ އޭނާ އެޓީމުކޮޅަށް އޭރިޔާ ބޭރުން ޖެހި ހަތަރުވަނަ ލަނޑެވެ. މިމެޗާއެކު މެސީ ވަނީ ލަލީގާގައި ބާސެލޯނާގެ ޖާޒީގައި 505 ހަމަކޮށް ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހަދާފަވާ ރެކޯޑާ އަރާހަމަކޮށްފައެވެ.
މެޗުގައި މެސީ އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރްއިން ވަނީ ބަލައިނުގަނެފައެވެ. އެންޓޮނީ ގްރީޒްމަން ވެސް ވަނީ މެޗުގައި ލަނޑުޖަހަން ރަނގަޅު ފުރުސަތު ލިބި ނަގާލާފައެވެ. މިމެޗުން ހޯދީ މޮޅާއެކު ބާސެލޯނާ ވާނީ ލީގުގެ ދެވަނަށް ކުރިއަށް ޖެހިލާފައެވެ. ލީގުގެ އެއްވަނައިގަވާ އެތުލެޓިކޯ މެޑްރިޑަށް 8 ޕޮއިންޓުފަހަތުން ބާސެލޯނާ ދެވަނައިގަ އޮތީ 46 ޕޮއިންޓާއެކުއެވެ.
ކޮމެންޓު ފޮނުވާ