އެންވަޔަރަންމަންޓް މިނިސްޓަރ ހުސެއިން ރަޝީދު ހަސަން މާދަމާ މަޖިލީހަށް ހާޒިރު ކުރުމަށް އެޖެންޑާ ކޮށްފިއެވެ.
ހުސެއިން ރަޝީދު މަޖިލީހަށް ހާޒިރު ކުރަނީ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުالله ޝަހީމް ޢަބްދުލްޙަކީމް ކުރައްވާ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. ޝަހީމް ކުރައްވާ ސުވާލަކީ ށ.ފޭޭދޫ، ބިލެތްފަހި، ގޮއިދޫ، އަދި ނޫމަރާގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެތޯއާއި އަދި އެކަމުގެ ޢަމަލީ މަސައްކަތް ފެށޭވަރުވާނީ ކިހާތާކުތޯ ސާފު ކުރުމަށެވެ.
ޝަހީމްގެ ސުވާލަށްފަހު ވަޒީރާއި ސުވާލު ކުރުމަށް ހުޅުވާލެވޭ 20 މިނިސްޓްގެ ފުރުސަތުގައި މަޖިލީހުގެ އެހެން މެމްބަރުންނަށް ވަޒީރާއި ސުވާލު ކުރުމަށް ފުރުސަތު ލިބޭނެއެވެ. މިއީ މިއަހަރަށް މަޖިލިސް ހުޅުވިފަހުން މަޖިލީހަށް ހާޒިރުކުރާ ދެވަނަ ވަޒީރެވެ. މިދިޔަ ހަފްތާގައިވަނީ ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމްވެސް މަޖިލީހަށް ހާޒިރކޮށްފައެވެ.
މާދަމާގެ ޖަލްސާގައި ވަޒީރު ހާޒިރު ކުރުނުގެ އިތުރުންވެސް ގިނަ މަސައްކަތްތަކެއް ވަނީ އެޖެންޑާ ކޮށްފައެވެ. އެގޮތުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ، ސިފައިންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވާނެއެވެ. މާދަމާގެ ޖަލްސަގައި ދެ މައްސަލަައަކަށް ހުސް ކުރުމަށް އެޖެންޑާ ކޮށްފައިވާއިރު، ކޮމިޓީތަކުން ހުށަހެޅުނު ދެ ރިޕޯޓަކަށްވެސް މާދަމާ ވޯޓަށް އެހިގެންދާނެކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ