އެމްޕީއެލްގެ ހާދިސާގައި ޒަހަމްވި މީހާ އިންޑިއާ އަށް ގެންދަނީ

އެމްޕީއެލްގެ ހާދިސާގައި ޒަހަމްވި މީހާ އިންޑިއާ އަށް ގެންދަނީ

Author
މުޙައްމަދު ޝަޒައިމް
14 ފެބްރުއަރީ 2021 10:53
0

މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ކާޕެޓް ރޯލެއް ގައިމައްޗަށް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާގައި ސީރިއަސް ޒަހަމްތަކެއް ލިބުނު މީހާ އިންޑިއާ އަށް ފުރުވާލުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެމްޕީއެލްގައި ހިނގި ހާދިސާގައި ޒަހަމްވި މީހާ އަށް އަދިވެސް ފަރުވާދެނީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށެވެ. އަދި މިއަދާ ހަމައަށް އައިއިރު ވެސް އޭނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މިހާރު ދަނީ އެ މީހާއަށް އިތުރު ފަރުވާއަށް އިންޑިޔާއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި އެ ޒުވާނާ ގެންދިއުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށެވެ.

މާލޭ ވިޔަފާރި ބަނދަރުގައި 4 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ހިނގި ނުރައްކާތެރި ހާދިސާގައި އަނިޔާވެފައިވަނީ "މިނާ އިންވެސްޓްމަންޓް“ ގުރޫޕުގެ މަސައްކަތްކުރާ މީހަކަށެވެ. ކާޕެޓް ރޯލެއް ގައިމައްޗަށް ވެއްޓިގެން އަނިޔާވެފައި ވަނީ ހދ. ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން އަލީ 28، އަށެވެ.

މި ހާދިސާއާ ގުޅިގެން މިނާ އިންވެސްޓްމަންޓް ގުރޫޕާއި، އެހާދިސާއާ ގުޅުންހުރި އޮޕަރޭޝަންސްގައި މަސައްކަތްކުރަމުންދިޔަ އެކުންފުނީގެ މުވައްޒަފުން ވަނީ  ސަސްޕެންޑްކޮށްފައެވެ.

އެމްޕީއެލް ސަރަހައްދުގައި މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭގެ ދަންވަރު ހިނގި ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގްކޮށް، ޒިންމާވާން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް، ޤަވާއިދުތަކާއި އުސޫލުތަކަށް ބަދަލުތަކެއް ގެނައުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.