ހުޅުމާލެއިން އަތުލާގަތް މަސްތުވާތަކެތީގެ މައްސަލާގައި 7 މީހަކު ހައްޔަރުކޮށް 2 މީހެއްގެ ވަނަވަރު ޢާންމުކޮށްފި

ހުޅުމާލެއިން އަތުލާގަތް މަސްތުވާތަކެތީގެ މައްސަލާގައި 7 މީހަކު ހައްޔަރުކޮށް 2 މީހެއްގެ ވަނަވަރު ޢާންމުކޮށްފި

Author
މުޙައްމަދު ޖިމީ
14 އޮކްޓޯބަރ 2020 11:24
0

ހުޅުމާލޭ ކައިރީގައި އޮތް ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އަތުލާގަތް މައްސަލާގައި 7މީހަކު ހައްޔަރުކޮށް ދެމީހެއްގެ ވަނަވަރު ފުލުހުން މިއަދު ޢާންމުކޮށްފިއެވެ.

މިހަފްތާގެ ހޯމަ ދުވަހު ހުޅުމާލޭ ފަޅުތެރެއިން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ހަތް މީހުންގެތެރޭގައި ހިމެނޭ 6 މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންކަމަށާއި، ދެން މިމައްސަލާގައި ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުދިންކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރުމުން، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށެވެ. އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައިފާސްކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި އޮޕަރޭޝަނުގައި ހޯދި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 130 ކިލޯހުރިކަމަށާއި، ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނޭކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި މީހަކީ ގއ. ވިލިނގިލި، ލައިޓްހައުސް، ޢުމުރުން 42 އަހަރުގެ ޝަހީބް އިބްރާހިމާއި، ހއ. ހޯރަފުށި، ވައިލެޓްވިލާ، ޢުމުރުން 48 އަހަރުގެ އަހްމަދު މޫސާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ދެމީހުންގެ ތެރެއިން ޝަހީބް އިބްރާހިމަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމްއާއި އީރާން 7 މީހުން ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލާފައިވާކަން ފުލުހުން ފާހަގަކުރައްވައެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއިން އެތެރެކުރި ދޯނިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުންވަނީ 10 ދުވަހުގެ މުއްދަތެއްޖަހާފައެވެ. އަދި ޝަހީބް އިބްރާހިމްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، އަޙްމަދު މުސާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް އެކޯޓުން ޖަހާދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މިމައްސަލާގައި ދެން ހިމެނޭ ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މިމައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އިތުރަށް ތަޙްޤީގްކުރަމުންދާކަަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.