އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި، މުޒާހަރާ ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރި ފުލުހުންނަށާއި، މުޒާހަރާގެ ބައިވެރިންނަށް އެކި ވަރުގެ އަނިޔާތައް ވެއްޖެއެވެ.
ހިޔާ މަޝްރޫޢުގެ ތެރެއިން ކުރިން ފްލެޓް ލިބި، ފަހުން ނެރުނު ލިސްޓްގައި ނަން ނުހިމެނުނު މީހުންގެ ހައްގުގައި “މަގޭ ފްލެޓް ކޮބާ”ގެ ނަމުގައި ކުރިއަށްދިޔަ މި މުޒާހަރާގައި ގިނަބަޔަކު ވަނީ ބައިވެރިވެފައެވެ. މުޒާހަރާގެ ބައިވެރިންވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ޝުއޫރު ފާޅުކޮށް އަޑު އުފުލާފައެވެ.
މިިއަދު ކުރިއަށްދިޔަ މުޒާހަރާ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރި ފުލުހުންގެ ތެރެއިން ބައެއް ފުލުހުންނަށް އެކިވަރުގެ އަނިޔާވެ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ބާރުގެ ބޭނުންކޮށް ފުލުހުން މުޒާހަރާ ކޮންޓްރޯކުރުމަށް ކުރި މަސައްކަތުން މުޒާހަރާގެ ބައިވެރިންގެ ތެރެއިންވެސް ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައްވެފައިވެއެވެ.
މުޒާހަރާ މިއަދަށް ނިންމާލަމުން އިދިކޮޅު ކޯލިޝަނުންވަނީ އަންނަ ހުކުރު ދުވަހުވެސް މިފަދަ ބޮޑު އެއްވުމެއް މާލޭގައި ކުރިއަށް ގެންދާނެކަމަށް ބުނެފައެވެ. އަދި މި މުޒާހަރާތައް ހުއްޓާލާނީ ސަރުކާރުން ކުރާ އަނިވެރި އަމަލުތަކާއި، ދެމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓާލައި ރައީސް ޔާމީން މިނިވަން ވުމުންކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ