އަންހެން ބޭފުޅުން ކަރާމަތަށް ހުތުރުވާ ޒާތުގެ ވާހަކަތަކެއް ދެއްކުވެމާއި ގުޅިގެން، މިއަހަރު ޖުލައިމަހު ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް 2020ގެ ހިންގާ ކޮމިޓީގެ ރައީސް، އަދި ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޔޮޝިރޯ މޯރީ އިސްތިއުފާ ދެއްވައިފިއެވެ.
މޯރީ ވަނީ، އަންހެން ބޭފުޅުން ކަރާމަތަށް ހުތުރުވާ ޒާތުގެ ވާހަކަފުޅެއް ދެއްކެވިފައިވާތީ، އަދި "އެއީ އޭނާ ދައްކަވައިގެން ނުވާނޭ ޒާތުގެ ވާހަކަފުޅެއް ކަމަށް ގަބޫލު ކުރައްވާ" އެކަމާގުޅިގެން އެތައްބައެއްގެ ހިތްތަކުގައި ރުޅިވެރިކަމާ ނުތަނަވަސްކަން އުފެދިގެން ގޮސްފައިވާތީ، ހުކުރު ދުވަހު އެކަމަށްޓަކާ މާފަށްވެސް އެދި ވަޑައިގެންފައެވެ.
"އެންމެ މުހިންމު ކަމަކީ މިއަހަރުގެ ޖުލައިމަހު އޮލިމްޕިކްސް ގޭމްސް ބޭއްވިގެން ދިއުން،" މޯރި ވިދާޅުވިއެވެ. "އަހަރެން މިމަގާމުގެ ހުރުމަކީ، އޮލިމްޕިކްސް ގޭމް ބޭއްވުމަށް އެޅިގެންދާ ހުރަހެއްކަމުގައި ވާނަމަ، އެހާލަތު އަޔަދީގެން ނުވާނެ."
މޯރި މަގާމުން އިސްތިއުފާ ދެއްވާނެކަމުގެ ޚަބަރު އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައިވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހު ޖަޕާނުގެ މީޑިއާތަކުންނެވެ.
"ގިނަ އަންހެން ވެރިންނާއެކީ ބާއްވާ ބޯޑު ބައްދަލުވުންތައް އާދަޔާ ޚިލާފަށް ދިގުލައިގެން ދާނެ،" ސަބަބަކީ، "އަންހެން ވެރިންނަކީ ވާދަވެރި ބަޔަކަށް ވާތީ– އެއް އަންހެނަކު ވާހަކަ ދައްކައިފިއްޔާ ދެން ތިބޭ އަންހެންވެރީންނަށް ހީވާނެ އެމީހުންވެސް ވާހަކަ ދައްކާލަން ވާނެކަމަށް،" މޯރި ވިދާޅުވިކަމަށް ޖަޕާނުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ. އަދި ފާއިތުވެދިޔަ ހަފްތާއިން ފެށިގެން މޯރިއަށް ވަނީ މިމައްސަލާގައި ފާޑުކިއުންތައް އަމާޒު ވެފައެވެ.
މިމޭރުމުން، އާންމު ނޫންތަކެއްގައި ވާހަކަ ދައްކަވާފައިވާ ކަމަށް، ފާއިތުވެދިޔަ ހަފްތާގައި، މޯރި ވަނީ އެއްބަސް ވެވަޑައިގެންފައެވެ. އަދި އެކަމަށްޓަކާ ހިތާމަ ކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މަސަލާގައި އޭނާ އެންމެ ފުރަތަމަ ވިދާޅުވެފައިވަނީ، އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނުގެން ގުޅޭކަމަށެވެ. އެހެންނަމަވެސް، ޖަޕާނުގައި އާންމުންގެ ނުރުހުމާއި ފާޑުކިއުން އިންތިހާއަށް އިތުރުވެގެން ދިއުމާގުޅިގެން އޭނާގެ ވިސްނުން ބަދަލުކުރުމަށް މަޖުބޫރުވެގެން ދިޔައީއެވެ. ޖަޕާނަކީ، މަސްކަތުގެ މާހައުލުގައާއި އަދި މަތީ މަގާމްތަކަށް ވާދަކުރުމުގައި ޖިންސީ ތަފާތުކުރުންތައް އޮންނަގައުމެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރާ ގައުމެކެވެ.
ދުނިޔޭގެ "ވާލްޑް އިކޮނޮމިކް ފޯރަމްސް 2020 ގްލޯބަލް ޖެންޑަރ ގެޕް ރިޕޯޓް"ގައި ވާގޮތުން، ކުރި އަރާފައިވާ ގައުމުތަކު ތެރެއިން ދެޖިންސުގެ ތަފާތު އެންމެ ބޮޑު އެއްގައުމަކީ ޖަޕާނެވެ. މި ރިޕޯޓުގައި ވާގޮތުން، 153 ގައުމުގެ ތެރެއިން ޖަޕާނު ރޭންކު ކުރެވިފައިވަނީ 121 ވަނައިގައެވެ. މި ރިޕޯޓުގައިވާ ތަފާސް ހިސާބަށް ބަލާއިރު، ޖަޕާނުގައި ލިސްޓު ކުރެވިފައިވާ ކުންފުނިތަކުގެ ތެރެއިން، އަންހެން ބޯޑު މެންބަރުންގެ ހިއްސާއަކީ %5.3 އެވެ. އަދި ގާނޫނު ހަދާ މަޖިލީހުގައި އަންހެނުންގެ ހިއްސާއަކީ އެންމެ %10 އެވެ. މިއީ މުޅި ދުނިޔޭގައިވެސް، ސިޔާސީ މައިދާނުގައި އަންހެނުންގެ ހިއްސާ އެންމެ ދަށް ނިސްބަތެވެ.
ހުކުރު ދުވަހު މޯރި ވިދާޅުވެފައިވަނީ، އަންހެން ބޭފުޅުން ބާކީ ކޮށްލުމަކީ އޭނާގެ ވާހައިގެ އަމާޒެއް ނޫންކަމުގައެވެ. އެހެންނަމަވެސް، އޭނާ ވިދާޅުވިގޮތުގައި، އޭނާ ދައްކަވާފައިވާ ވާހަކަ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ މުޅިން ތަފާތު މޭރުމަކުން ކަމުގައެވެ.
"ހަގީގަތުގައި އަހަހެން ބޭފުޅުނަށް އަޑު އުފުލުމުގެ ފުރުސަތު ފަހިކުރުމަށް އަހަރެން އެތައް މަސައްކަތެއް ކޮށްފައި ހުންނާނެ،" މޯރި ވިދާޅުވިއެވެ. "އަހަރެން ހުންނާނެ އަންހެން ބޭފުޅުންނަށް ބަސް ވިދާޅުވެވޭ އެތައް މަގާމަށް އަންހެން ބޭފުޅުން އައްޔަން ކޮށްފަ،" އޭނާ އިތުރަށް ވިދާޅުވިއެވެ. "އަންހެންބޭފުޅުން ބާކީ ކޮށްލުމުގެ އެއްވެސް ވިސްނުމެއް އަހަރެން ނުގެންގުޅެން."
މިއަހަރު ޖުލައިމަހު ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އޮލިމްޕިކްސް ގޭމްސްގެ ހިންގާ ކޮމިޓީގެ ރައީސްކަމުން މޯރި އިސްތިއުފާ ދެއްވުމާ ގުޅިގެން، އޮލިމްޕިކް އޯގަނައިޒިން ކޮމިޓީއަށް މިހާރުވަނީ، ފެތުރުމުންދާ ކޯވިޑް19ގެ ނުރައްކާތެރިކަމާއެކުވެސް، އަންނަ ޖުލައިމަހު 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސް ބޭއްވުމަށް ޖަޕާނުން ކުރާ މަސައްކަތަކުގެ އެންމެ އިސްފަރާތެއް އަލުން ހޯދަން ޖެހިފައެވެ.
މުޅި ދުނިޔޭގައި ފެތުރެފެށި ކޯވިޑް19 ރޯގާއާ ގުޅިގެން 2020 ވަނަ އަހަރު ބޭއްވުމަށް އެންމެ ފުރަތަމަ ހަމަޖެހުނު އޮލިމްޕްސްގޭމު ވަނީ މިއަރުގެ ޖުލައިމަހަށް ފަސްކުރެވިފައެވެ. އަދި ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އޮލިމްޕިކްސް ގޭމްސް އިތުރަށް ލަސްކުރުމަކީ ދެން ކުރެވޭނެ ކަމެއް ނޫނެވެ.
ޖަޕާނުގައި، އާންމު ރައްޔިތުންގެ ދެކޮޅު ހެދުމާއި އަދި އުފުލެމުންދާ އަގުތަކާ އެކުވެސް، ޖަޕާނުގެ ވެރިން ވިދާޅުވަމުން ގެންދަވަނީ މިއަރުގެ ޖުލައިމަހު އޮލިންޕިކްސް ގޭމްސް ބޭވިގެންދާނެ ކަމަށެވެ.
ފާއިތުވެދިޔަ މަހު، ޖަޕާނުގެ ގައުމީ ބްރޯޑްކާސްޓަރ NHK އިން ކުރި ދިރާސާއަކުން ދައްކާފައިވަނީ، ޖަޕާނުގެ %77 ގަބޫލުކުރަނީ، ސިއްޚީ ބޮޑު ކާރިސާއެއްގެ ތެރޭގައި މިފަދަ ބޮޑު އިވެންޓެއް ބޭއްވުމުގައި ކުރިމަތިވާނެ ލޮޖިސްޓިކްސްގެ ގިނަގުނަ އަދި ބޮޑެތި މައްސަލަތަކުގެ ސަބަބުން އެންމެ ރަގަޅު ގޮތަކީ މި އިވެންޓް މިއަހަރު ނުބޭއްވުން ނުވަތަ އަދިވެސް އިތުރަށް ފަސްކުރުމެވެ.
ތަރައްގީ ވެފައިވާ ގައުމުތަކުގައި، ހޮސްޕިޓަލްތަކުގައި ބޮލަށްޖެހޭ އެނދުގެ ނިސްބަތް އެންމެ މަތީ ގައުމަކީ ޖަޕާންކަމުގައި ވިނަމަވެސް، ކޯވިޑް ކާރިސާގެ ސަބަބުން، ޖަޕާނުގެ ސިއްހީ ދާއިރާއަށް ބާރު ބޮޑުވެ، ސިއްޚީ ޚިދުމަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައެވެ. މިގޮތުން، ފާއިތުވެދިޔަ 2 މަސްދުވަހުގެ ތެރޭގައި ކޯވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 2 ގުނައަށް އިތުރުވެ، ބަލިޖެހިފައިވާ މީހުންގެ އަދަދު 406،000 އަށް އަރާ، ޖާޕާނުގެ މުޅި ސިއްޙީ ނިޒާމަށް ނުކަތާވަރަށް ކޯވިޑްގެ ހާލަތު ވަނީ ގޯސްވެފައެވެ.
މިހިގާ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހާ ހަމައަށް، ކޯވިޑް19 އަށް ޕޮޒިޓިވެފައިވާ 8،700 މީހުންވަނީ، އެޑްމިޓްކުރާނެ އެދުތަކެއް ނެތިގެން ޖަޕާނުގެ 10 ސިޓީއެއްގެ އައިސޮލޭޝަން ސެންޓަރުތަކުގައި ބައިތިއްބާފައި ވެއެވެ. އޭގެ ކުރީ ހަފްތާގައި، 11 ސިޓީއެއްގައި 18،000 މީހުން ހޮސްޕިޓަޕްތަކުން އެދުގެ ޖާގަ ނުލިބިގެން އައިސޮލޭޝަން ފެސިލިޓީތަކުގައި ބައިތިއްބަން ޖެހިފައި ވެއެވެ.