ޖިންސީ ގޯނާގެ މައްސަލަތަކުގައި ގާނޫނު ތަންފީޒު ކުރަން ޖެހޭނީ އެންމެންގެ މެދުގައި ހަމަހަމަކަމާ އެކު ކަމަށް ވިދާޅުވެ، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ކުރެއްވި ޓްވީޓް ޑިލީޓް ކުރައްވައި މިމައްސަލާގައި އެހެން ޓޫވީޓެއް ކުރައްވައިފިއެވެ.
ކުރީގެ ޓްވަރިޒަމް މިނިސްޓަރ އަލީ ވަހީދަށް ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ކޮށްފައިވާއިރު، އޭނާ ފުރައިގެން ދިއުމާއި ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ވަނީ ނުރުހުުން އަމާޒުވެފައެވެ. މިކަމުގައި ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުންނާއި، ވަޒީރުންނާއި، ސިޔާސީ އިސް ބޭފުޅުން ދަނީ ކަންބޮޑުވުން ފާޅުކޮށް ޓުވީޓު ކުރައްވަމުންނެވެ.
މިމައްސަލާގައި ޖެންޑާ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވަނީ ރޭ ދެ ޓްވީޓެއް ކުރައްވާފައެވެ. އޭގެ ތެރެއިން ހަމަ ހަމަ ކަމާއިއެކު މިފަދަ މައްސަލަތަކުގައި އެންމެންނާއިމެދު އަމަލު ކުރަންޖެހޭކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓް ވަނީ ޑިލީޓް ކުރައްވާފައެވެ. މިނިސްޓަރ ދެން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ޖިންސީ މައްސަލަތަކުގައި އިންސާފު ޤާއިމް ކުރުމަށް ވަކި ފަރާތަކަށް ނުޖެހި މިފަދަ މައްސަލަތަކުހައި ހިންގަންޖެހޭ އިޖުރާއަތު ފުރިހަމަ ކުރަންޖެހޭކަމަށެވެ.
ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތަކާ އަދި އެ ފަދަ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު އިންޞާފު ޤާއިމުކުރުމުގެ މައިގަނޑު އަސާސަކީ ވަކިފަރާތަކަށް ނުޖެހި، ދެގޮތެއްނުވެ، ހަރުދަނާގޮތެއްގައި އެ ފަދަ މައްސަލަތައް ބަލައި ހިންގޭނެ އިޖުރާއަތުތަކެއް ޤާއިމުކުރުން.
– ޖެންޑާ މިނިސްޓަރ ޑިލީޓް ނުކުރައްވާ ޓްވީޓުގައި ވިދާޅުވެފައެވެއެވެ.
ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތަކާ އަދި އެ ފަދަ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު އިންޞާފު ޤާއިމުކުރުމުގެ މައިގަނޑު އަސާސަކީ ވަކިފަރާތަކަށް ނުޖެހި، ދެގޮތެއްނުވެ، ހަރުދަނާގޮތެއްގައި އެ ފަދަ މައްސަލަތައް ބަލައި ހިންގޭނެ އިޖުރާއަތުތަކެއް ޤާއިމުކުރުން.
— Aishah Didi (@aishamdidi) February 11, 2021
ޖެންޑާ މިނިސްޓްރީއަކީ މިފަދަ މައްސަލަތަކުގައި އެންމެ ފުރަތަމަ ބަސްބުނެ މިކަމުގައި ފިޔަވަޅު އަޅަންޖެހޭ ޤާނޫނީ ޒިންމާ އޮތް މިނިސްޓްރީވެސް މެއެވެ. ޖެންޑާ މިނިސްޓަރގެ މަޤާމުގައި ހުންނެވި ޝިދާތާ ޝަރީފް މަޤާމުން ވަކި ކުރެއްވުމަށްފަހު މަޤާމަށް އައިޝަތު މުހައްމަދު ދީދީ އައްޔަން ކުރައްވައިގެންވެސް ޖިންސީ ޝިކާރައިގެ މައްސަލަތައް އެންމެ އެކަށީގެންވާ ގޮތަށް ނުބެެލޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އަދި މިނިސްޓަރ ޑިލީޓް ކުރެއްވި ޓްވީޓުގައި ވިދާޅުވިފަދައިން ހަމަހަމަ ކަމާއިއެކު މިފަދަ މައްސަލަތައް ބެލުމަށް ސަރުކާރު ނުކުޅެދިފައިވާކަމީ އެންމެ ބޮޑު ކަންބޮޑުވުމެވެ. ޚާއްސަކޮށް ދައުލަތުގެ އެކި މަޤާމުތަކުގައިތިއްބަވާ ބޭފުޅުންގެ ތެރެއިން ޖިންސީ ތުހުމަތު ކުރެވޭ ބޭފުޅުންގެ މައްސަލަތައް އިންސާފުވެރި ކަމާއިއެކު ނުބެލޭ މައްސަލަ ގިނަ ބަޔަކު ދަނީ ކަންބޮޑުކަމާއިއެކު ފާޅު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ