އަލީ ފުރުވާލުމުން ކަންބޮޑުވި ލިސްޓުގައި ތިންބާރުގެ ވެރިން ހިމެނުނުނަމަ މާފުރިހަމަވީސް: ސައީދު

އަލީ ފުރުވާލުމުން ކަންބޮޑުވި ލިސްޓުގައި ތިންބާރުގެ ވެރިން ހިމެނުނުނަމަ މާފުރިހަމަވީސް: ސައީދު

Author
މުޙައްމަދު ޝަޒައިމް
12 ފެބްރުއަރީ 2021 11:09
0

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލާފައި ވަނިކޮށް، ރާއްޖެ ދޫކުރައްވައި ފުރައިވަޑައިގަތް މައްސަލާގައި ކަންބޮޑުވުން ފާޅުކުރެއްވި ލިސްޓަށް ދައުލަތުގެ ތިންބާރުގެ ވެރިންގެ ނަންތައް އައިނަމަ އަދި މާ ފުރިހަމަވީސް ކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދަ ގޮތަށް ވިދާޅުވެފައިވަނީ އަލީ ވަހީދު ފުރައިގެންދިޔަ މައްސަލާގައި ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ޢަމަލުކުރައްވާފައިވަނީ ރަނގަޅަށްތޯ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރުން އެދިވަޑައިގަތުމައި ގުޅިގެންނެވެ. ޢަލީ ވަހިދުގެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ހުށައަޅުއްވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދުގެ އަރިހުގައި އެދިވަޑައިގަތީ ނާއިބު ރައީސް އީވާ އަބްދުﷲ އާއި، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ޙުސައިން އާއި، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ.

ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ 4 އަންހެން ކަނބަލުން މިމައްސަލާގައި ކަންބޮޑުވުން ފާޅުކުރެއްވުމަކީ ހައިރާންވާޖެހޭ ކަމެއް ނޫންކަމަށާއި، ކަންބޮޑުވާ ލިސްޓަށް ދައުލަތުގެ ތިން ބާރުގެ ވެރިންވެސް ހިމެނުނުނަމަ މާބޮޑަށްވެސް ރައްޔިތުންނަށް މިބޭފުޅުންގެ އިހުލާސްތެރިކަން އޮތް މިންވަރު ހާމަވާނެކަމަށް ސައީދު ވިދާޅުވިއެވެ.

އަލީ ވަޙީދު ފުރި މައްސަލަ ބެލުމަށް މަޖިލީހުގެ އަންހެން މެންބަރުން އެދިވަޑައިގެންފި

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ޢަލީ ވަހީދުގެ މައްޗަށް 7 ދައުވާއެއް އުފުލާފައި ވަނިކޮށް، އޭނާ ފުރައިވަޑައިގަތީ އިއްޔެއެވެ. އޭނާ ވަޑައިގަތީ އިނގިރޭސިވިލާތަށެވެ. ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލާގައި އޭނާގެ ޕާސްޓްޕޯޓް ހިފަހައްޓާއިފައި އޮތުމަށްފަހު، އެމައްސަލަ މުރާޖަޢާކުރުމަށް މިދިޔަ ހޯމަދުވަހު ބޭއްވި ޝަރީޢަތުގައި ވަނީ ޕާސްޓްޕޯޓް ދޫކޮށްލާފައެވެ.

އެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުން ވަނީ އޭނާގެ ސިއްޙީ ޙާލަތު ބަޔާން ކޮށްދިނުމަށް ޑޮކްޓަރަކު ހެކީގެ ގޮތުގައި ހާޒިރުކޮށްފައެވެ. ޑޮކްޓަރު ވަނީ ޢަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަަމަށް ވިދާޅުވެ އެކަމަށް ބޭސްފަރުވާކުރަން ޖެހޭކަން ފާހަގަކޮށްފައެވެ. ޝަރީޢަތުން ވަނީ ޑޮކްޓަރުގެ ވާހަކަތަކަށް ރިޔާޢަތްކޮށް އޭނާގެ ޕާސްޓްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ބާޠިލްކޮށްފައެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ވަޒީރުކަމުން އިސްތިއުފާދެއްވުމަށް ޢަލީ ވަޙީދު އެންގެވިއެވެ. އެހެންނަމަވެސް ޢަލީ ވަޙީދު މަޤާމުން އިސްތިއުފާނުދެއްވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޓްއަރިޒަމް މިނިސްޓްރީގެ ވަޒީރުކަމުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 9 ވަނަދުވަހު އޭނާ ވަކިކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.