ގދ.ގައްދޫ ކައިރީގައި އޮންނަ ލޮނަދޫހުއްޓާގައި ހިނގި ޙާދިސާގައި ގައިމައްޗަށް ފާރެއް ވެއްޓި ސީރިއަސް ޒަހަމްތަކެއް ލިބުނު ފިރުޝާންގެ އެއްފައި ބުރިކޮށްލައިފިއެވެ.
ރިސޯޓެއް ތަރައްޤީކުރަމުން އަންނަ ލޮނަދޫހުއްޓާގައި ހިނގި މިޙާދިސާ ހިނގާފައިވަނީ އެރަށުގައި ހަދަން ފަށައި ނުނިމިހުރި ވޯޓާ ވިލާއެއްގެ ސީލިންގ ވެއްޓި ފިރުޝާން އޭގެ ދަށުވެގެންނެވެ. ފިރުޝާނަކީ މަޖާކޮށްލައި ދަތުރު ދިއުމުގެ ބޭނުގައި ގދ.ގައްދޫން އެރަށް ދިޔަ ގްރޫޕެއްގައި ހިމެނޭ ޢުމުރުން 17 އަހަރުގެ ކުއްޖެކެވެ.
ފިރުޝާންގެ އާއިލާފަރާތުން ވާހަކަ ދެއްކި މެމްބަރަކު ބުނީ ފިރުޝާންގެ ކަނާތު ފައި ވަރަށް ބޮޑަށް ކުނިވެފައިވާތީ އިއްޔެ މެންދުރު އޭޑީކޭ ހޮސްޕިޓަލުގައި އޮޕަރޭޝަން ކޮށްފައިވާ ކަމަށެވެ. ޑޮކްޓަރުން ފުރަތަމަ ބޭނުންވީ ހަލާކުވި ފައިން މަސް ނަގައިގެން އޮޕަރޭޝަން ކުރަން ކަމަށް ވިޔަސް ފުރާނަ ސަލާމަތް ކުރެވޭނީ ފައި ބުރިކޮށްލައިގެން ކަމަށް ބުނުމުން އެ ގޮތަށް ކުރިއަށް ގެންދިޔައީ ކަމަށެވެ.
އޮޕަރޭޝަނަށް ފަހު ފިރުޝާން މި ވަގުތު އޮތީ އޭޑީކޭގެ އައިސީޔޫގައެވެ. ހާލަތާ މެދު ވަކި އެއްޗެއް އެނގޭނީ 48 ގަޑިއިރު ފަހުން ކަމަށް ހޮސްޕިޓަލާ ހަވާލަދީ އާއިލާ އިން ބުނެފައިވެއެވެ.
ގދ.ގައްދޫ ކައިރީގައި އޮންނަ ލޮނަދޫހުއްޓާއަށް ފިރުޝާންއާއި އެކު ދަތުރުދިޔައީ 4 ކުއްޖެކެވެ. އެކުގައިދިޔަ ކުދިންނާއިއެކު ސަކަރާތް ޖެހުމުގެ ތެރޭަގއި ހިނގި މިހާދިސާގައި އޭނާ ހޯދަމުންދަނިކޮށް ސީލިންގގެ ދަށުން އޭނާގެ ބޯ ފެނުނުކަމަށް އެކުދިން ކިޔާދިނެވެ. އަދި 4 ކުދިންވެގެން ފިރުޝާންގެ ގައިމަތީގައި އޮތް ސީލިންގް ނެގޭތޯ ބަލަމުން ދިޔަ ކަމަށާއި ނަމަވެސް އެ ހިއްލާލެވުނީ ކިރިޔާ ފިރުޝާން ނެރެވޭ ވަރަށް ކަމަށް އެކުދިން ކިޔާދީފައިވެއެވެ. ދަގަނޑުން ހަދާފައިވާ އެ ސީލިންގްގެ ދަށުން ނެގިއިރު ފިރުޝާންގެ ހޭ ހުރިކަމަށް މައުލޫމާތުލިބެއެވެ.
ހާދިސާ ހިނގުމުން އެންމެ ފުރަތަމަ އެކުދިން ގުޅީ ގދ.ގައްދޫގައި ތިބި ފުލުހުންނަށް ކަމަށް މައުލޫމާތުލިބެއެވެ. އަދި ވަރަށް އަވަހަށް ފުލުހުން އައިސް އެހީފޯރުކޮށްދީފައިވެއެވެ. ފިރުޝާން ގައްދޫ ސިއްޙީ މަރުކަޒަށް ގެންގޮސްފައިވަނީ ހާދިސާ ހިނގިތާ ގަޑިއިރެއް ފަހުންކަމަށާއި އިތުރު ފަރުވާ ދެވޭނެ ގޮތެއް ނެތުމުން ތިނަދޫ ހޮސްޕިޓަލަށް ގެންދިޔަކަމަށް މައުލޫމާތު ލިބެއެވެ. އަދި އެދުވަހު މާލެ ގެނެސް މިހާރު ފަރުވާ ދެމުންދަނީ އޭޑީކޭގެ އައިސީޔޫގައެވެ.
ކޮމެންޓު ފޮނުވާ