އިލެކްޝަންގެ މެމްބަރުން ބަދަލުކުރަން ޖެހިދާނެކަމުގެ އިޝާރާތެއް އާޒިމް ދެއްވައިފި

އިލެކްޝަންގެ މެމްބަރުން ބަދަލުކުރަން ޖެހިދާނެކަމުގެ އިޝާރާތެއް އާޒިމް ދެއްވައިފި

Author
މުޙައްމަދު ޝަޒައިމް
12 ފެބްރުއަރީ 2021 08:08
0

ކައުންސިން އިންތިޚާބު ބޭއްވުމަށް މަޖިލީހުން ހަަދަންޖެހޭ ޤާނޫނު ހަދައި، އިންތިހާބު ބޭއްވުމަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދިނުމުންވެސް އިންތިޚާބު ނުބާއްވައި ދައްކާ ބަހަނާތަކަކީ ޤަބޫލު ކުރެވޭނެ ބަހަނާތަކެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ކައުންސިލް އިންތިޚާބު ނުބޭއްވި، އިންތިޚާބީ ކައުންސިލަރުންނެތި އަހަރަކަށްވުރެ ގިނަ ދުވަސް ވެގެންދާކަމީ ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ. ކޯވިޑް-19 އާއި ގުޅިގެން އިންތިޚާބު ބޭއްވުމަށް އޭރު ދިމާވި ދަތިތަކާއި ގުޅިގެން ކަމާއިބެހޭ ހުރިހާ މުއައްސަސާއެއް، އިލެކްޝަން ކޮމިޝަން ހިމެނޭހެން މަޖިލީހަށް ގެނެސް ހުރިހާ ބޭފުޅުން އެއްބަސްވި ގޮތަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނެސް އިންތިޚާބު ބޭއްވޭނެ މަގު މަޖިލީހުން ފަހި ކޮށްދެއްވާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

ނަމަވެސް މިހާރު އަނެއްކާވެސް ޤާނޫނުގައި މައްސަލަ ހުރިކަމަށްބުނެ ޤާނޫނު ބަދަލު ކުރަން މަޖިލީހަށް އައުމަކީ ގަބޫލު ކުރައްވާ ކަމެއްނޫންކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު ފެނިގެންދަނީ ޤާނޫނު ހަދާފައި ދިނުމުން އަމަލު ނުކޮށް، ބަހަނާ ދައްކާ މަންޒަރު ކަމަށެވެ. ޤާނޫނީ ޒިންމާ އަދާނުކުރެވޭނަމަ އޮންނާނެ ގޮތަކީ އެކަން ކުރެވޭވަރުގެ ބަޔަކާއި އެތަނެއް ހަވާލުކޮށްގެން ހިންގުންކަމަށާއި، އިލެކްޝަން ކޮމިޝަންގެ މެމްބަރުންނަށް ނުވާނަމަ އެބޭފުޅުންެގ ބަދަލުގައި އެހެން ބަޔަކު ލައިގެންވެސް އިންތިޚާބު ބާއްވަންޖެހޭކަމަށް އާޒިމް ވިދާޅުވިއެވެ.

މިހާރު މިފެންނަނީ މިބޭފުޅުންގެ ފަރާތުން ޤާނޫނު ތަންފީޒު ކުރުމަށް މަަސައްކަތް ކުރާތަނެއްނޫން. ބުނި ގޮތެއް ހެދީކީވެސް ނޫން. މިހާރު ދެން އެކުރަނީ ޖެއްސުންކަމަށް އަޅުގަނޑަށް ބެލެވެނީ. ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި ދުނިޔޭގެ ޤައުމުތަކުގައި އިންތިޚާބުތައް ބާއްވައިފި. އެމެރިކާ އިންޑިޔާ، މިހުރިހާތާކު ބާއްވައިފި. ދެން އިތުރައް އަނެއްކާ ޤާނޫނާއިކުޅެ މިއުޅެނީ ކުޅޭ ކުޅޭކަމަށް މިކަން ހަދަންތޯ.

– އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ޤާނޫނު އަސާސީގައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ކަނޑައެޅިގެން ބުނެފައިވާއިރު، އެޖާގަ ހަނިވާގޮތަށް ކަންކަން ކުރުމަކީ އެއްވެސް ބަޔަކު ކޮށްގެންވާނެ ކަމެއްނޫންކަމަށެވެ. މިހާރުވެސް އިންތިޚާބު ނުބޭއްވި ކައުންސިލްތަކުން ކުރަންޖެހޭ އެތައްކަމެއް ނުކުރެވި މަޑު ޖެހިފައިވާކަމީ އޮތް ކަންބޮޑުވުމެއްކަމަށެވެ. އޭނާ ވަނީ ވީހާވެސް އަވަހަށް އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ މަަސައްކަތް ކުރުމަށް އިލެކްޝަން ކޮމިޝަނަށް ގޮވާލާފައެވެ.

އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް އިޢުލާންކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ހުރި ޤާނޫނީ ހުރަސްތަކާ ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގައި ހުރި ކަންބޮޑުވުންތައް މިހާރުވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

އިލެކްޝަން ކޮމިޝަނުން މަޖިލީހަށް ހުށަހެޅި ގިނަ ކަންބޮޑުވުންތަކަކީ އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން ކަނޑައަޅައި އާންމުކޮށްފައިވާ ގައިޑްލައިނުގައިހުރި ކަންބޮޑުވުންތަކެވެ. ކޮމިޝަނުން ހުށަހެޅި ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެނީ:

– ކެންޕެއިން ކުރުމުގެ ފުރުސަތު ގައިޑުލައިނުގެ ތެރެއިން ނުލިބުން.

– ކޯވިޑަށް ޕޮޒިޓިވްވާ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓްލެވޭނެ އިންތިޒާމު އިލެކްޝަނަށް ހަމަޖައްސަން ޖެހުން.

– ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒިފުންނަށް ކައިރި ރަށްތަކަށް ވޯޓުލާން ދެނޭވެ ގޮތް ނެތުން.

– ވޯޓުލާ މަރުކަޒުގައި ކެންޑިޑޭޓުންގެ މަންދުބުންނަށާއި، މޮނިޓަރުންނަށާއި، އޮބްޒާވަރުންނަށް ތިބުމުގެ ފުސަތު ނުލިބުން.

– ބަޖެޓުގެ ދަތިކަން.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަނުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އިންތިޚާބު އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންގެ ތެރެއިން ބާއްވާނަމަ އިތުރު 45 މިލިޔަން ރުފިޔާ ބޭނުންވާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. އިންތިޚާބު ބޭއްވުމަށްޓަކައި އިލެކްޝަން ކޮމިޝަނުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިހާރުވަނީ އާންމުކޮށްފައެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިހާރު އެކުލަވާލާފައިވާ ގައިޑްލައިންގެ ތެރެއިން އިންތިޚާބު ބޭއްވުމަކީ ކުރެވޭނެ ކަމެއްނޫންކަމަށެވެ. ގައިޑްލައިންގެ ތެރެއިން އިންތިޚާބު ބާއްވައިފިނަމަ ކޯޓުން އިންތިޚާބު ބާޠިލު ކުރުމުގެ ފުރުސަތު ބޮޑުވެ، ދައުލަތުން މިކުރާ ޚަރަދު އަލުން ކުރަންޖެހުމަކީ ގާތްކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.