ޕާސްޕޯޓް ދޫކޮށްލިއިރުވެސް އަލީ ވަހީދު ފުރައިގެންދާން އުޅޭކަމުގެ މައުލޫމާތު ވަނީ ލިބިފަ: ޕީޖީ

ޕާސްޕޯޓް ދޫކޮށްލިއިރުވެސް އަލީ ވަހީދު ފުރައިގެންދާން އުޅޭކަމުގެ މައުލޫމާތު ވަނީ ލިބިފަ: ޕީޖީ

Author
މުޙައްމަދު ޝަޒައިމް
11 ފެބްރުއަރީ 2021 04:02
0

ކުރީގެ ޓުވަރިޒަމް މިނިސްޓަރ ޕާސްޕޯޓް ދޫކޮށްލިއިރުވެސް އަލީ ވަހީދު ފުރައިގެންދާން އުޅޭކަމުގެ މައުލޫމާތު ވަނީ ލިބިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެެވެ.

ޕޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމައްސަލައިގައި، ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްފައިވަނީ ދައުލަތުން އެދިގެން ކަމަށް ބުނެ ފަތުރާ ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއްކަމަށެވެ. މިމައްސަލައިގައި ޢާންމުވެފައިވާ ކޯޓު އަމުރުގައި ޕީޖީ އޮފީހުން އެދިގެން ނެރެފައިވާ އަމުރެއްކަމަށް އޮތީ ކޯޓުގެ "އިދާރީ އޮޅުމެއް"ގެ ސަބަބުންކަމަށް ކޯޓުން މަޢުލޫމާތު ދެއްވާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. އަދި އެއީ، ޕީޖީ އޮފީހުން އެދިގެން ނެރެފައިވާ އަމުރެއް ނޫންކަމަށާއި، މިއަމުރު ނެރުއްވުމުގައި، ޢާންމުކޮށް މިބާވަތުގެ އަމުރު ނެރުއްވުމުގައި ޢަމަލު ކުރާ އުޞޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާ މައްސަލަ، ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕާސްޕޯޓް ދޫކުރި އަޑު އެހުމުގައި ޕާސްޕޯޓު ދޫކުރަން ނިންމީ ރަނގަޅަށް ނޫންކަމަށާއި، އެނިންމުން އިސްތިއުނާފު ކުރުމާމެދު މެދު ގޮތެއް ނިންމުމުގެ ކުރިން ޢަލީ ވަޙީދު ފުރައިގެން ގޮސްފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ޕީޖީ ވިދާޅުވިއެވެ. ކޯޓު އަމުރުގައި އޮތް 4 މަސްދުވަހުގެ ތެރޭގައި ޢަލީ ވަޙީދު އެނބުރި އައިސްފައިނުވާނަމަ، އޭނާގެ މައްޗަށާއި، އޭނާ ޖާމިނު ކޮށްފައިވާ މީހާގެ މައްޗަށް ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް، އެކަމަށް ހަމަޖެހިފައިވާ އުޞޫލުތަކުގެ ތެރެއިން ޕީޖީ އޮފީހުން ކުރަމުން ގެންދާނެކަމަށް މިބަޔާނުގައި ބުނެފައެވެ.

ބަޔާނުގައި ބުނީ ލިއުންތައް ނުބަލައި އެއްބަސްވާން ދަތިކަމަށް ބުނުމުން ކޯޓުން ދެއްކީ ރާއްޖެ އިން ބޭރުން އަލީ ވަހީދު ފަރުވާ ހޯދަން ޖެހޭ ކަމަށް ޓްރީ ޓޮޕް އިން ކަށީގެ ޑރ. މުޒްނީ ދޫކޮށްލާފައިވާ ލިއުމެކެވެ. އެ ލިއުމުގެ ސައްހަކަން، އެކްޕާޓެއްގެ އެހީއާ ނުލައި ކަށަވަރު ނުކުރެވޭނެ ކަމަށް ބުނުމުން އައިޖީއެމްއެޗުން އަލުން ޗެކަޕް ހެދުމަކީ ކްރިމިނަލް ކޯޓުގެ ނިންމުމެއް ކަމަށް ބަޔާނުގައިވެ އެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ޕާސްޕޯޓް ދޫކުރަން ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށެވެ. އެ އަމުރު ނެރުމުގައި ކޯޓުން އަމަލުކޮށްފައި ވަނީ އެ ބާވަތުގެ އަމުރު ނެރުމުގައި އަމަލުކުރާ އުސޫލްތަކާ ޚިލާފަށް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.