މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ލޯނަށް ފުރުސަތު ހުޅުވާލުމަށްޓަކައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރަން އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މަތީ ތައުލީމަށް 770 ފުރުސަތު ހުޅުވާލާފައިވާއިރު، ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޮންލައިން ކޮށެވެ.
މިނިސްޓަރ ވިދާޅުވީ މި ފަހަރު ހުޅުވާލި ފުރުސަތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ޖާގަތަކެއް ކަނޑައަޅާފައި ވާނެކަމަށެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުން އުޞޫލުގެ ތެރެއިން އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ގޮތުގައި ބަލާނީ، 1 ޖަނަވަރީ 2021 ގެ ފަހުން ކިޔަވަން ފަށާ ދަރިވަރުންނެވެ. މިހާރު ކިޔަވަމުންދާ ދަރިވަރެއްގެ ގޮތުގައި ބަލާނީ، 1ޖަނަވަރީ 2021 ގެ ކުރިން ކޯހެއްގައި ކިޔަވަން ފަށައިފައިވާ ދަރިވަރުންނެވެ. މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ކެޓެގަރީން އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުން މިހާރު ކިޔަވަމުންދާކަމާއި، ކޯސް ނިންމުމަށް އޮތް މުއްދަތު އެނގޭނެ، ކިޔަވަމުންދާ މަރުކަޒުގެ ލިޔުމެއް ހުށަހަޅަން ޖެހެއެވެ.
މި އުސޫލުގެ ދަށުން ލޯނުގެ ގޮތުގައި މާލީ އެހީ ދޭނީ، ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ކިޔަވަން ހުށަހެޅާ ދިވެހި ދަރިވަރުންނަށެވެ. އަދި އެދޭ ކޯހަކީ، މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވާރކް (އެމް.އެން.ކިއު.އެފް) ގެ ލެވެލް 5 އިން ފެށިގެން 10 ގެ ނިޔަލަށް ހުރި ކޯސްތަކުގެ ތެރެއިން ކޯހެއް ކަމުގައި ވުން، ކަނޑައަޅައިފައިވާ ޕްރޮފެޝަނަލް ނުވަތަ ލައިސަންސް ޕްރޮގްރާމަކަށް ވާންޖެހެއެވެ. މީގެ އިތުރުން \ކިޔަވަން ހުށަހަޅާ ކޯހުގެ ސަނަދަކީ، ހާސިލުކޮށްފައިވާ އެންމެ މަތީ ސަނަދަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ކަމުގައިވެސް ވާންޖެހެއެވެ. ލައިސެންސް ނުވަތަ ޕްރޮފެޝަނަލް ޕްރޮގްރާމަކުން ކިޔެވުމަށް ހުށަހަޅާނަމަ، މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވާރކް (އެމް.އެން.ކިއު.އެފް)ގެ ލެވެލް 7 އަކަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި ނުވުންވެސް މާލީ އެހީދޭ ޝަރުތުތަކުގެ ތޭގައި ބަލައެވެ.
މިނިސްޓަރ ވިދާޅުވީ މިއީ ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތު ތަނަވަސް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްވާ ޚާއްސަ އަހަމިއްޔަތުކަމުގެ ދަށުން ފަށާފައިވާ ޙާއްސަ ޕްރޮގުރާމެއްކަަށެވެ. އަދި އެމަނިކުފާނު ދިވެހި ޒުވާނުންނަކީ ތައުލީމީ ޤާބިލް ބަޔަކަށް ހެދުމަށް ކުރައްވާ މަސައްކަތަށް މިނިސްޓަރ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ