ވެކްސިން ޖެހުމާއި އެއްވެސް އިރެއްގައި ދެކޮޅު ނުހައްދަވާ ކަމަށާއި، އަބަދުވެސް ވަކާލާތު ކުރަމުންދަނީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކޯވިޑް ވެކްސިން ޖެހިކަމަށް ބުނެ ފަތުރާފައިވާ ޚަބަރު ދޮގުކުރައްވައި އޭނާ ވިދާޅުވީ ވެކްސިން އަދި ނުޖައްސަވާ ކަމަށެވެ. ނަމަވެސް ވެކްސިން ޖެއްސުމަށް އެއްވެސް އިރެއްގައި ދެކޮޅު ނުހައްދަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ވެކްސިނާއި ގުޅޭގޮތުން ވަކާލާތު ކުރަމުން ދިޔައީ ވެކްސިންގެ މައުލޫމާތު ހާމަކޮށް، ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކޮށް ދިނުމަށް ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.
އަޅުގަނޑު ކޮވިޑް ވެކްސިން ޖެހިކަމަށްބުނެ ފަތުރަމުންދާ ޚަބަރަކީ ދޮގު ޚަބަރެއް. އަދި އަޅުގަނޑު ވެކްސިނެއް ނުޖަހަން. އަޅުގަނޑުމެންނަކީ ވެކްސިންޖެހުމާ ދެކޮޅު ބައެއްނޫން. އަޅުގަނޑުމެން އެދެނީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް. އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ރައްޔިތުންނާއެކު.
– އަބްދުއްރަހީމް ވިދާޅުވިއެވެ.
ކޯވިޑް-19 އަށް ރާއްޖޭގައި މިހާރު ބޭނުން ކުރަމުންދާ އިންޑިޔާއިން ހަދިޔާ ކުރި ވެކްސިން ޖަހަން ފެށުމުގެ ކުރިން ވެކްސިންގެ މައުލޫމާތު ހޯދުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ހެލްތު މިނިސްޓަރާއިވެސް ބައްދަލުކުރުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެކަން ކުރެވޭ ގޮތް ވަނީ ނުވެފައެވެ.
އިދިކޮޅު ކޯލިޝަނުން ވެކްސިންގެ މައުލޫމާތު ހާމަކޮށްދިނުމަށް އެދި އެކި ފަހަރުމަތީން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އިދިކޮޅު ކޯލިޝަންގެ ލީޑަރުންގެ ތެރެއިން މިހާތަނަށް ކުރީގެ ރައީސް ޑރ.ވަހީދައި، ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވަނީ ކޯވިޑް ވެކްސިން ޖައްސަވާފައެވެ.
ކޮމެންޓު ފޮނުވާ