އަލީ ވަހީދު ފުރައިގެންދިޔުމަށް ކޯޓުން ފުރުސަތުދިނީ ބަލިހާލަތު ހުރިގޮތުން: ސަރުކާރު

އަލީ ވަހީދު ފުރައިގެންދިޔުމަށް ކޯޓުން ފުރުސަތުދިނީ ބަލިހާލަތު ހުރިގޮތުން: ސަރުކާރު

Author
މުޙައްމަދު ޝަޒައިމް
10 ފެބްރުއަރީ 2021 03:15
0

ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ރާއްޖެ ދޫކޮށް ފުރާވަޑައިގެންފައިވަނީ ބަލި ހާލަތު ހުރި ގޮތުން ކޯޓުން އޭނާ ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަ ދިނުމުންކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބުރޫކް ވިދާޅުވީ އަލީ ވަހީދު ފުރައިގެން ދިޔަކަން އެގުނީވެސް ނޫސްތަކުންކަމަށެވެ. އަދި މިކަމުގެ މައުލޫމާތު ސާފު ކޮށްލުމުން އެގިގެން ދިޔައީ އޭނާ ފުރައިގެން ދިޔައީ ބަލި ހާލަތު ހުރިގޮތުން ކޯޓުގައި ޑޮކްޓަރުގެ ލިޔުމާއިއެކު ހުށަހެޅުމުން، ބަލީގެ ގޮތުން ފަރުވާ ހޯދަން ޖެހެނީ ރާއްޖެއިން ބޭރުންކަމަށް ޑޮކްޓަރުގެ ލިޔުމުން ދެއްވާފައިވާ ލަފާގެ މައްޗަށް ރިޢާޔަތް ކޮށްކަމަށެވެ.

އަދި މިމައްސަލާގައި އަލީ ވަހީދާއިމެދު ސަރުކާރުން ޚާއްސަކޮށް ރައީސް ޞާލިހު އަމަލު ކުރައްވާފައިވަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށާއި، މިކަމުގައި ސަރުކާރުން އަމަލު ކޮށްފައިވަނީ އިހުލާސްތެރިކަމާއި އެކުގައިކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި މަޤާމުން ދުރުކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ރާއްޖެ ދޫކޮށް ވަޑައިގެންފައިވަނީ އިނގިރޭސި ވިލާތަށެވެ. ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލާގައި އޭނާގެ ޕާސްޓްޕޯޓް ހިފަހައްތާއިފައި އޮތުމަށްފަހު، އަމުރު މުރާޖައާ ކުރަން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުން ވަންނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކަޓަރަކު ހާޒިރުކޮށްފައެވެ. ޑޮކްޓަރު ވަނީ ޢަލީ ވަޙިދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަަމަށް ވިދާޅުވެފައެވެ. ޝަރީޢަތުން ވަނީ އެކަމަށް ރިޔާޢަތްކުރައްވާ އޭނާގެ ޕާސްޓްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ބާޠިލްކޮށްފައެވެ.

ޢަލީ ވަޙީދު އިނގިރޭސިވިލާތުގެ ލަންޑަނަށް ވަޑައިގެންފައިވާއިރު، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އަމިއްލަ ފުޅަށް އަރުވާލެވިގެން އިންގިރޭސިވިލާތުގައި ޢަލީ ވަޙީދު ހުންނެވިއެވެ. ޢަލީ ވަހީދު ރާއްޖެ ދޫކުރައްވާ ވަޑައިގެންފައިވާއިރު، އޭނާގެ މައްޗަށް ވަނީ 7 ދަޢުވާއެއް އުފުލާފައެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާ ވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.