ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލުކޮށްލުމުން ބޭސްފަރުވާއަށް ބޭރަށް ފުރައިގެން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށާއި، އަލީ ވަހީދު ޝަރީޢަތަށް ޙާޟިރު ނުކުރެވިއްޖެނަމަ ޕީޖީއާއި ޕޮލިސް ކޮމިޝަނަރ އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށް ކްރިމިނަލް ކޯޓިގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
މިސަރުކާރުގެ "ރީޒޯ ޓޮލަރެންސް" ގެ ތެރޭގައި ހިމެނޭ ޖިންސީ ގޯނާކުރުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ދޫކޮށްލާފައި ވަނީ އޭނާގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހޭކަން ޑޮކްޓަރުން ކަށަވަރުކޮށްދިނުމުން ކަމަށް ކޯޓުން ބުނެއެވެ. އޭނާއާއި ޖާމިނުވާނެ ފަރާތެއް ވެސް ހުށަހަޅާފައިވާތީ ޕާސްޕޯޓު ދޫކުރީ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.
މިމައްސަލާގައި ހައިލަމް ވިދާޅުވީ ކުރިންވެސް މިމައްސަލާގައި އަލީ ވަހީދު ބަންދު ނުކުރީ ކީއްވެތޯ ސުވާލު އުފެއްދެވީ މިސަބަބަށްޓަކައި ކަމަށެވެ. ޖިނާއީ ބޮޑެތި ތުހުމަތު ކުރެވޭ މީހެއްގެ މައްސަ ކުރިއަށް ދަނިކޮށް ފުރައިގެން ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދެއްވައި އޭނާ ޝަރީއަތަށް ހާޒިރު ނުވެއްޖެނަމަ އެކަމުގެ ޒިންމާ ޕީޖީއާއި، ސީޕީ ނަންގަވަން ޖެހޭނެކަމަށް ހައިލަމް ވިދާޅުވިއެވެ.
10 މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކުރި މީހަކު ޝަރީޢަތް ނިމެންދެން ބަންދު ނުކުރީ ކީއްވެގެންތޯ ކުރިން އަޅުގަނޑު ސުވާލުކުރީ މިހެންވެގެން. ޢަލީ ވަޙީދު ޝަރީޢަތަށް ޙާޟިރު ނުކުރެވިއްޖެނަމަ ޕީޖީއާއި ޕޮލިސް ކޮމިޝަނަރ އިސްތިއުފާ ދެއްވަންޖެހޭނެ.
– ހައިލަމް ވިދާޅުވިއެވެ.
ޢަލީ ވަޙީދު ބޭރަށް ވަޑައިގެންފައިވަނީ ޓަރކިޝް އެއަރލައިންގައި ލަންޑަނަށްކަމަށް މައުލޫމާތު ލިބެއެވެ. ޢަލީ ވަޙީދު އިނގިރޭސިވިލާތުގެ ލަންޑަނަށް ވަޑައިގެންފައިވާއިރު، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އަމިއްލަ ފުޅަށް އަރުވާލެވިގެން އިންގިރޭސިވިލާތުގައި ޢަލީ ވަޙީދު ހުންނެވިއެވެ.
ޢަލީ ވަހީދު ރާއްޖެ ދޫކުރައްވާ ވަޑައިގެންފައިވާއިރު، އޭނާގެ މައްޗަށް ވަނީ 7 ދަޢުވާއެއް އުފުލާފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނަގެ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައި ވާއިރު މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. އަދި މިމައްސަލާގެ ތަހުޤީގަށް ސުވާލުކުރުމަށް ޢަލީ ވަހީދުވެސް ވަނީ ފުލުހުންގެ ޢިދާރާއަށް ހާޒިރުކޮށްފައެވެ. މީގެ އިތުރުން މިމައްސަލައާއި ގުޅޭ އިތުރު ހެކި ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ