ރައީސް މައުމޫންގެ ދެކަނބަލުން ކޯވިޑް ވެކްސިން ޖައްސަވައިފި

ރައީސް މައުމޫންގެ ދެކަނބަލުން ކޯވިޑް ވެކްސިން ޖައްސަވައިފި

Author
މުޙައްމަދު ޝަޒައިމް
10 ފެބްރުއަރީ 2021 01:33
0

ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫންގެ އަބްދުލް ޤައްޔޫމްގެ ދެކަނބަލުން ކޯވިޑް ވެކްސިން ޖައްސަވައިފިއެވެ.

ރައީސް މައުމޫން ކޯވިޑް ވެކްސިން ޖެއްސެވުމަށްފަހު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަނބިކަނބަލުން ނަސްރީނާ އާއި އެމަނިކުފާނު މިއަދު ކޯވިޑް ވެކްސިން ޖައްސަވާފައިވާކަމަށެވެ. އެމަނިކުފާނުގެ ދެ ކަނަބަލުން ކޯވިޑް ވެކްސިން ޖެއްސެވީ ސެނެހިޔާ ހޮސްޕިޓަލުގައެވެ.

ރައީސް މައުމޫން ކޯވިޑް ވެކްސިން ޖައްސަވާފައިވާއިރު، ރައީސް ޞާލިހާއި، ދައުލަތުގެ އަނެއް ދެބާރުގެ ވެރިންވެސް ވަނީ ކޯވިޑް ވެކްސިން ޖައްސަވާފައެވެ. ރައީސް މައުމޫނަކީ އުމުރުފުޅުން ދޮށީ ބޭފުޅަކަށްވުމުން އެމަނިކުފާނު ހިމެނެނީ ކޯވިޑްގެ އެންމެ ހައިރިސްކު މީހުންގެ ކެޓަގަރީގައެވެ. ރައީސް މައުމޫނަށް ވަނީ ކޯވިޑް ޖެހި ފަރުވާ ލިބިވަޑައިގެން ބަލިން ރަނގަޅުވެސް ވެފައެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ވެކްސިން ދިން މީހުންގެ އަދަދު އިއްޔެގެ ނިޔަލަށް ވަނީ 16،000 އިން މައްޗަށް އަރާފައެވެ.

ރާއްޖޭގައި ރަސްމީކޮށް ވެކްސިންދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ. ރާއްޖެ މިވަގުތު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި އޮތުމުގެ ސަބަބުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އަދި ވެކްސިން ދެމުންގެންދާނީ ވެކްސިން ޖެހުމަށް ޚާއްސަ ޕޯޓަލްގައި ރަޖިސްޓްރީވަމުންދާ ފަރާތްތަކަށްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އަދި ވެކްސިން ޕްރޮގްރާމަށް ބޮޑު ތަރުހީބެއް އަންނަަކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ވެކްސިން ދިނުމުގައި ކުރީސަފުގައި މަސައްކަތްކުރާ މީހުންނަށް އިސްކަންދޭއިރު، އެކި ދާއިރާތަކުން ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށް އަންނަނީ ވެކްސިން ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.